ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ވަނީ ރާއްޖޭގެ އެންމެ ދެކުނުން ފެށިގެން އެންމެ އުތުރަށް ހުދު ސަމާލު ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު މުޅި ރާއްޖެ އަށް ވެސް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި ކަނޑުތައް ގަދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް ވާރޭ ބޯކޮށް ވެހޭނެ ކަމަށް ލަފާ ކޮށްފައެއް ނުވެއެވެ.

މިއަދު ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި މިވަނީ ރާއްޖޭގެ އެއްކޮޅުން ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން "އަސަނި" އުފެދި އަދި އަނެއް ކޮޅުން ސަދަން ހެމިސްފިއާގައި ތޫފާން "ކާރިމް" އުފެދިފައި ވަނިކޮށެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑިޝާ ސަރަހައްދާއި ދިމާލަށް ދަތުރު ކުރަމުންދާއިރު، މިތޫފާނުގެ ބާރު މިއަދު ގަދަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ތޫފާން ކާރިމް ދަތުރު ކުރަމުން ދަނީ ކޮކޯ އައިލެންޑް ކައިރިން ރާއްޖެއާއި ދުރަށެވެ.

މި ދެތޫފާނާއި ގުޅިގެން ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެ ތޫފާނު ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ނަމަވެސް ދެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ދެތޫފާންގެ ސަބަބުން ކުރިއަށް އޮތް 2-3 ދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.