ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެމަށް ފަހު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެކުނަށް ދެންމެ ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އާއި ހަމައަށެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ނެރެފައި އޮތް ހުދު ސަމާލު މިހާރު ވެސް ވެސް ދެމިއެބައޮތެވެ.

މިއަދު ރާއްޖެ އަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވިފައި މިވަނީ ރާއްޖޭގެ އެއްކޮޅުން ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން "އަސަނި" އުފެދި އަދި އަނެއް ކޮޅުން ސަދަން ހެމިސްފިއާގައި ތޫފާން "ކާރިމް" އުފެދިފައި ވަނިކޮށެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑިޝާ ސަރަހައްދާއި ދިމާލަށް ދަތުރު ކުރަމުންދާއިރު، މިތޫފާނުގެ ބާރު މިއަދު ގަދަ ވާނެ ކަމަށް ލަފާ ކުރެވެއެވެ.

ތޫފާން ކާރިމް ދަތުރު ކުރަމުން ދަނީ ކޮކޯ އައިލެންޑް ކައިރިން ރާއްޖެއާއި ދުރަށެވެ.

މި ދެތޫފާނާއި ގުޅިގެން ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެ ތޫފާނު ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ނަމަވެސް ދެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ދެތޫފާންގެ ސަބަބުން ކުރިއަށް އޮތް 2-3 ދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.