ރާއްޖޭގެ ވެރިކަންކުރާ ޕާޓީ، އެމްޑީޕީ އިން އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ އުސޫލު އާންމުކޮށްފި އެވެ.

އެމްޑީޕީން ނެރުނު އުސޫލުގައިވާ ގޮތުން ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު، އޭނާ ވޯޓުލާން ދިޔަ މަރުކަޒުގައި މަޑުކުރުމަކީ މަނާ ކަމެކެވެ. ކެމްޕޭންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ކުރުން ވެސް މަނާވާނެ ކަމަށާއި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓް ވޯޓުލާން މެނުވީ ވޯޓުލާ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުން ވެސް މަނާވާނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.

ވޯޓުލުމަށްފަހު ކަރުދާސްކޮޅުގައި ޖަހާ ފާހަގަ އެއްވެސް މީހަކަށް ދެއްކުން މަނާވާނެ ކަމަށާއި ވޯޓު ކަރުދާސްކޮޅު ހިފައިގެން ވޯޓުލާ މަރުކަޒުން ބޭރަށް ނުކުތުން ވެސް މަނާ ކަމަށް ބުނެފައި ވެއެވެ.

އުސޫލުގައި ބުނެފައި ވަނީ އިންތިހާބުގައި ވޯޓުލާ ނިމޭތާ 15 މިނިޓު ތެރޭގައި ވޯޓު ގުނަން ޖެހޭނެ ކަމަށެވެ. އަދި އެއަށްފަހު ވޯޓުލާ މަރުކަޒުގައި ނަތީޖާ އާންމުކުރަން ވަނީ ހަމަޖެހިފައެވެ.

އެ އުސޫލުގައިވާގޮތުން ބާތިލް ވޯޓެއް ގޮތުގައި ގުނާނީ ގަވާއިދާ ހިލާފަށް ދީފައިވާ ވޯޓުކަން އެނގޭ ވޯޓާއި އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓާއި އިންތިހާބުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓާއި އިންތިހާބާ ބެހޭ ކޮމިޓީން ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓާއި ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގަ ޖަހާފައިވާ ވޯޓުގެ އިތުރުން ޕާޓީގެ އެހެން ގަވާއިދެއްގައި ބާތިލު ވޯޓު ކަމަށް ކަނޑައަޅާފައިވާ ވޯޓެވެ.

ބާތިލު ވޯޓެއް ކަމަށް ކަނޑައެޅުމުގައި ވޯޓު ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ ހައްގު ވޯޓު ގުނާ ތަނުގައި ހާޒިރުވެ ހުންނަ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

"ބާތިލު ވޯޓެއް ކަމަށް ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެމަރުކަޒަށް އިންތިހާބާބެހޭ ކޮމިޓީން އައްޔަން ކޮށްފައިވާ އިސްމީހާ." އުސޫލުގައި ބުނެފައި ވެއެވެ

އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އިރު އެ ޕާޓީގެ އަންހެނުން ރޫހުގެ ރައީސާ ހޮވުމުގެ އިންތިހާބުވެސް އެ ދުވަހު ބާއްވާނެއެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އަދި އަންހެނުން ރޫހުގެ ރައީސާގެ މަގާމަށް ވާދަކުރައްވަނީ އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ރޮޒެއިނާ އާދަމް އާއި ސަފާތު އަހުމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ރާއްޖޭގެ ހުރިހާ ސުކޫލްތައް އެމްޑީޕީގެ ބޭނުމަށް ދެދުވަހަށް ދޫކުރުމަށް މިނިސްޓްރީއިން އެބަ ސުކޫލްތަކަށް މެސެޖްކުރޭ! ކުރިންވެސް ކަންކުރީ މިގޮތަށް! އިދިކޮޅު ފަރާތްތަކުން ހަމަ މިފަދަ އެތެރޭގެ ވޯޓެއް ބޭއްވުމަށް އެދުމުން ސުކޫލްތައް ދޫނުކޮށް މިހާވަނީ ރަނޑުހެއްޔެވެ؟ އަމުދުން މިދުވަސްވަރު ސުކޫލުތަކުގައި އޯލެވެލް އެގްޒޭމް އެބަ ކުރިޔަށް ދޭ! މިހުރީ ބެލޭނޭ މައްސަލަތައް ! މިހުންނަނީ ކޮރަޕްޝަން.

  2. ަސދަސދ

    ފައިސާއަށް ވޯޓް ގަނެގެން ނުވާނެ ވާހަކައެއް ނެތް ؟

  3. ސަސެސަ

    ފައިސާއަށް ވޯޓް ގަނެގެން ނުވާނެ ވާހަކައެއް ނެތް ؟

  4. އެމްޑީޕީ

    އަދި ރުނބަ އާއި ގުޅިއާއި ދޮންނަމެޝިނާއި ކޮންކްރީޓް މެޝިނަށްވެސް ވޯޓް އެޅޭނެ ކަމުގައި ދންނަވަން.