ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ.

އަލީ ސަމީރު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާސިލު ކުރައްވާފައެވެ. ސަމީރު ޝަރުއީ ދާއިރާގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.

އަދި 26 މާރިޗު 2011 އިން ފެށިގެން 17 އެޕްރީލް 2022 އާ ހަމައަށް ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިި ވެއެވެ. ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އިރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ.

ސަމީރު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވުމާއެކު، އެ މަގާމުގައި މިހާރު ތިއްބެވީ އަލްއުސްތާޛު ޢަލީ ސަމީރުގެ އިތުުރުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދު ސަލީމެެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެއްޖެނަމަ، ނުވަތަ އެއްވެސް ސަބަބަކާ ހުރެ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު ވަގުތީގޮތުން ޙަވާލުކުރައްވާނީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަހްމޫދު ސަލީމާއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އައްޔަންކުރައްވާ މި އޮފީހުގެ އެންމެ އިސް މަޤާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންގެ އިތުރުން، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ނާޝިދުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ މަރްޔަމް ފެޒްލީންއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢުއެވެ.