ޗެއާޕާސަން ކަމަށް އިންތިހާބުވެއްޖެ ކަމުގައިވާނަމަ މަސައްކަތް ކުރައްވާނީ ސަރުކާރާއި ގުޅިގެން ސަރުކާރުގެ ގޯސްތައް ރަނގަޅުކޮށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޑިމަކްރަޓިކް ތާރީހުގައި ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު މާދަމާ އޮންނައިރު، އިންތިހާބާއި ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ދެކަފިވެ، ބައިބައިވެފައެވެ. އިންތިހާބުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންތިއަށް ލޮބީ ކުރައްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާކަމަށް ފެންނަނީ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލަށެވެ. ފޯރި ގަދަވުމަށް މެދުވެރިވި ސަބަބަކީ ވެސް އެއީއެވެ.

އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެއްވުމަށް ފަހުގައި "ވަގުތު" އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި އިމްތިޔާޒު ފަހުމީ ވިދާޅުވީ އެހެން ހުރިހާ އެންމެނަށް ވުރެ ބޮޑަށް މިސަރުކާރަށް އޭނާ ތެދުވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވީހާލެއްގައި ވެގެން މަގުމަތީގައި ތިބެގެން އެކުރި ކަންތައްތައް ކުރީއިރުގައި ކޮން މޫނެއްތޯ ފެންނަން ހުރީ؟ އަޅުގަނޑުމެން ހަމަ ތިބީ. އެންމެ ބޮޑަށް ބިރުވެރިކަމުގައި، ބެރިކޭޑް ކައިރީ، މަގުމަތީގައިވެސް. ދޭތެރެ ދޭތެރެއިން ޖަލަށްލާފައި އަނެއްކާ ނެރެފައި އެކަހަލަ ގޮތަކަށް ވެސް. ދައުވާތައް އުފުލިފައި. މި ސަރުކާރަށް ވެސް އަޅުގަނޑުމެން ތެދުވެރިވާނެ އެހެން ހުރިހާ މީހުންނަށް ވުރެ ބޮޑަށް" އިންތި ވިދާޅުވިއެވެ.

އޭނާ މިފަދައިން ވިދާޅުވީ މިއީ ފެތެމުންދާ ސަރުކާރެއް ކަމަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއި ފެޔަށް ޖެހުން ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިންތި ވިދާޅުވީ އޭނާ މަސައްކަތް ކުރާނީ ޕާޓީން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ވައުދުތައް ނުފުއްދި ސަރުކާރާއި މެދުގައި އިތުބާރު ގެއްލުނީމާ އޭގެ ނޭދެވޭ އަސަރު އެމްޑީޕީއަށް ކުރާނެ ކަމަށާއި ސަރުކާރާއި މެދުގައި މާޔޫސްވީމާ އޭގެ އަސަރު އެމްޑީޕީއަށް ކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ސަރުކާރާއި އެކުގައި މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން އެންމެން ވެސް ކުރާނެ. ސަރުކާރަށް ވާގިވެރިވެ އަދި ޖަވާބުދާރީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. ވައުދުތައް ފުއްދުމަށް ގޮވާލަނީ. އަޅުގަނޑުމެން ގޮވާތޯ މައްސަލަ ނުބަލާށޭ؟ އެކަމަށް ހުރަސް އަޅާތޯ؟" މަސައްކަތް ކުރައްވާނީ ސަރުކާރާއި އެކުގައި ކަން ހާމަ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންތި ވިދާޅުވީ ކުރިޔަށް އޮތް 2023 އެމްޑީޕީން ކާމިޔާބުކޮށް، ކޯލިޝަނާއި ނުލާ ސީދާ އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށްްޓަކައި މި ސަރުކާރުގެ ދުވެލި ރަނގަޅުވާން ޖެހޭނެ ކަމަށެވެ.

"ދެވަނަ ދައުރެއް އެމްޑީޕީއަށް ޔަގީން ކުރުމަށްޓަކައި އެމްޑީޕީ އޭގެ ގޮތުގައި ލިބޭނެ އެމްޑީޕީ ސަރުކާރެއް ޔަގީން ކުރުމަށްޓަކައި މި ސަރުކާރުގެ ޕަފޯމަންސް ރަނގަޅުވާން ޖެހޭނެ. މި ސަރުކާރުން، ޕާޓީންވީ ވައުދުތައް ފުއްދަން ޖެހޭނެ. ހާއްސަ ގޮތެއްގައި ވައްކަމާއި ހިޔާނާތައި ދުރުވާން ޖެހޭނެ. އަޅުގަނޑުމެން ދެން ވެސް ތިބޭނީ ސަރުކާރާއި އެކީގައި." އޭނާ ވިދާޅުވިއެވެ.

އަބަދުވެސް ނަޝީދަށް ވަފާތެރިކަމާއެކުގައި ހުންނެވި އިންތި މިފަދައިން ވިދާޅުވި ނަމަވެސް ނަޝީދު ވަނީ ސަރުކާރާއި ފެޔަށް ޖެހެން ގޮވާލައްވާފައެވެ. އަދި މިއީ ފެއިލްވެފައިވާ ސަރުކާރެއް ކަމަށާއި ސަރުކާރާއި އެކުގައި އޮތުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.