މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އެއްގަމު، ކަނޑު އަދި ވައިގެ މަގުން ދުއްވާ އުޅަނދުތައް ދުއްވުމުގައި ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މޫސުން ގޯސްވެ ވައި އަދި ކަނޑުތައް ގަދަ ވެފައިވާތީ އެއްގަމު، ކަނޑު އަދި ވައިގެ މަގުން ދަތުރުފަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބެލުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. މިއަދު ހެނދުނު 10:30 އާ ހަމައަށް ސަމާލު ނެރުނުއިރު، އޭގެ ފަހުން ހއ. އަތޮޅުން ރ. އަތޮޅަށް ހުދު ސަމާލު ނެރުނެވެ. އޭގެ ފަހުން ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލުގެ މުއްދަތު ދަންމާލިިއިރު، މީގެ އިރުކޮޅެއް ކުރިން ނެރުނު ރީނދޫ ސަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށެވެ.

އެ ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 8:00 އަށެވެ.