މުޖުތަމައުގައި ކުޑަކުދިންނަށް ދިމާވާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމަށާއި ބަދަހި އާއިލާއެއް ބިނާކުރުމަށްޓަކައި ފިރިހެނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑުކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "އާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ހިއްސާ"ގެ ނަމުގައި އިއްޔެ ފެށި ޕްރޮގްރާމެއް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެކަމަނާ ވިދަޅުވީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ލިބިއްޖެނަމަ އެފަދަ ކުއްޖަކު ދުޅަހެޔޮކަމާ އެކު ހެދިބޮޑުވުމަށާއި އުފާވެރި ދިރިއުޅުމެއް ފެށުމަށްޓަކައި އެ ކުއްޖެއްގެ އާއިލާގައި ހިމެނޭ ފިރިހެން ބޭފުޅުންގެ ފަރާތުން ރައްކާތެރިކަން ޔަގީންކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"މިކަން ހުއްޓުވޭނީ ފުލުހުންނާއި މިކަން ނުކުރާ ހުރިހާ ރައްޔިތުންވެސް މިކަމުގައި ތެދުވެގެން." މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންނަށް ލިބޭ ޖިންސީ އަނިޔާ ހުއްޓުވުމަށްޓަކައި ފިރިހެނުންގެ ދައުރު ފުޅާކޮށް އެ މަސައްކަތުގައި ފިރިހެން ބޭފުޅުން ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރުމަށްވެސް މިނިސްޓަރު އެދިވަޑއިގެން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިިޔާތަކާއި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހައްލުކުރެވޭނީ ޖެންޑާ މިނިސްޓްރީއާއިއެކު ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ބައިވެރިވެގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

އިއްޔެ ފެށި ސިލްސިލާ ޕްރޮގްރާމަކީ އާއިލާތަކުގެ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ހިއްސާ އިތުރުކުރުމާ އެކު ބަދަހި އާއިލާއެއް ބިނާކުރުމަށްޓަކައި ވީހާވެސް ގިނަ ބަަޔަކަށް ކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ރިޕޯޓު ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިޒުވާނުން

    ތިކަމެއް ކިހެނެއްހުއްޓޭނީ، މީހަކު މީހަކާއި ދިމާލަށް އެމީހަކު އެވަނީ މީހަކާއިއެކު އެވެނި ކަމެއް ކޮށްފައޭ ހަމަ ބުނާއިރަށް އެކަން އެއީ ހަގީގަތަކަށް ހަދައި މުޅި ގައުމު ޚަބަރުން ފަސާދަ ވިއްޔާ ކޮށްލަނީ ފަހުން ބަލާއިރު އެމީހާއަކީ ދުވަހަކުވެސް އެމީހަކާ ބައްދަލުވާ މީހަކަށްވެސް ނުވެ އެބަދޭ. އަދި އަމުދުން މީހުން ބަދުނާމު ކުރުމަށް ފަށާފައިވާ ހަޑިމުޑުދާރު އޮއިވަރު ހުއްޓިގެން ތިކަން ހައްލުވާނީ. މިއީވެސް މިކަމުގެ ތަރެއިން ފާނހަގަވާ އެއްކަންތައް. ދޮގާއި ދޮގު މައުލޫމާތު އެބަވޭ މިކަމުގައި ހަމަ އެފަދައިން ހަގީގަތްތައްވެސްވޭމެެ

    4
    3
  2. މާސްޓަރ

    ތިޔައީ ސިވިލް ސަރވިސްގައި އަންހެން މުވައްޒަފުން މަދުވެގެން އިތުރުކުރަން އުޅުން ކަހަލަ ކަމެއް. ސިވިލް ސަރިވިސްގެ ރަސްމީ ސައިޓުން ދައްކާގޮތުން މުޅި ސިވިލް ސަރިވިސް ގެ %75 އިންސައްތަ އަކީ އަންހެނުން!