ހައި-ލެވެލް އިންޓަރގަވަރމެންޓަލް މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސްގެ ބައްދަލުވުމުގެ ކޯ ޗެއާއަކަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމުދު ދީދީ އައްޔަން ކުރައްވައިފި އެވެ.

ޖަކާޓާގައި އިއްޔެ ފެށި، ހައި-ލެވެލް އިންޓަރގަވަރމެންޓަލް މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް، 2013-2022 ކުރިއަށް ދާނީ މި މަހުގެ 19 އިން 21 ނިޔަލަށެވެ.

އެ ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމައުއެއް ގައުމުތަކުގައި ބިނާކުރުމަށް، ޔޫ.އެން.ސީ.އާރު.ޕީ.ޑީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ހާޞިލުކުރުމަށްޓަކައި އެކުލަވާލާފައިވާ ވަޢުދެއްކަމަށްވާ އެއްވެސް މީހަކު ބާކީ ނުކުރުމަށް ވަރަށް ޙާއްސާ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި އީއެސްސީއޭޕީގެ މެންބަރު ޤައުމުތަކުން ފާއިތުވެދިޔަ ޤަރުނުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ ދެނެގަތުމަށް 2021 ވަނަ އަހަރު ވޮލަންޓަރީ ސަރވޭގެ ނަތީޖާ އަދި ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމެއް ކަމަށް ޖެންޑާއިން ބުނެ އެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ޤަރުނުގައި މެންބަރު ޤައުމުތަކުން މަސައްކަތްތައް ރާވާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެ ކަމަށެވެ.

އެގޮތުން ގައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ގާނޫނުތައް ޔޫ.އެން.ސީ.އާރު.ޕީ.ޑީގައި ހުރިކަންކަން ޙާޞިލްކުރުވޭނެ ފަދަ ގޮތަކަށް ބައްޓަންކުރުމާއި، އައު ވިސްނުންތަކާއިއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުން އިތުރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އައު މައްސަލަތައް ދެނެގަތުމާއި، މިފަދަ ފަރާތްތަކަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރެވޭ ފަދަ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް މޮނިޓާކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިފަދަ ބައްދަލުވުންތަކުގައި އެހެން ޤައުމުތަކުން މިދާއިރާގައި ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހަވާލާދެވުނު ޤާނޫނަށް ގެނައުމަށް ބޭނުންވާ މުހިންމު އިސްލާޙުތަކާއި ބަދަލުތައް ދެނެގަތުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ޖެންޑާއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަޔާތޭ

    ބަލަ މިގައުމަށް ތިރީސް އެތައް އަހަރަކު ހިދުމަތްކުރުމަށްފަހު ސިއްހަތު ތަންނުދިނީމާ ވަކިވާން ޖެހުނު މީހުންނަށް އަދި 65 އަހަރު ނުވާތީ ރިޓަޔަރމަންޓް ބެނެފިޓްސް ވެސް ނުދީ ދެން ތިދައްކަނީ ކޮން ބޭކާރު ދަޅަތަކެއް؟ މިނިސްޓަރުވެސް މިހާރު އެވައްތަރުވީ ދެއްތޯ؟