އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕެއިންގައި ގއ.ވިލިނގިލީގައި ހަރަކާތްތެރިވި 12 މީހެއްގެ ސައިކަލަށް ގެއްލުން ދީފި އެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ވަގުތަށް" ވިދާޅުވީ އެ ސައިކަލުތަކަށް ގެއްލުންދިނީ މިދިޔަ ހުކުރު ދުވަހު ރޭގައި ކަމަށެވެ.

ވިޝާލް ވިދާޅުވީ ގެއްލުން ދިން ސައިކަލުތަކުގެ ތެރޭގައި ކައުންސިލްގެ ދެ މެމްބަރެއްގެ ސައިކަލް ވެސް ހިމެނޭ އެއީ ޒައިނުއްދީން މުހައްމަދާއި ޝީބާ އަހްމަދުގެ ސައިކަލް ކަމަށެވެ.

"ޖުމްލަ 12 ސައިކަލަކަށް ގެއްލުންދިނީ. ސައިކަލުތަކުގެ ޓަޔަރުގައި ކަޓަރު އަޅައި، ހަން ފަޅައި އަދި މަޑިތަކުގައި ވެސް ކަޓަރު އަޅާފައި ހުރީ." ވިޝާމް ވިދާޅުވި އެވެ.

އެކަން ކުރި ކަމަށް ތުހުމަތު ކުރެވެނީ އިންތިއާ ވާދަކުރި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ޓީމަށް ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ. އެ މީހުން އެކަން ކުރީ އޭރު ކުރިއަށްގެންދިޔަ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ހުރަސް އުޅުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވީ ކެމްޕެއިން ކުރިއަށް ގެންދިޔައިރުގައި އިންތި އަދި ފައްޔާޒުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން އުފެދި ހަރުކޮށްފައި ހުރި ބައެއް ޕޯސްޓަރުތައް ވީދާ ހަލާކުކުރި ކަމަށެވެ.

ސައިކަލުތަކަށް ގެއްލުންދިން މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ.

ވަރަށް ވާދަވެރިކޮށް ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކޮށްފައިވާ ފައްޔާޒެވެ.

އެ އިންތިހާބުގައި ވިލިނގިލިން ކުރި ހޯއްދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އޭނާ އަށް އެ ރަށުން 398 ވޯޓު ލިބުނުއިރު، އިންތި އަށް ހޯއްދެވުނީ 298 ވޯޓެވެ.