ސަރުކާރު ހިއްސާވާ ކުންފުނިތައް އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަން އެގޮތަށް ކުރުމާއި މުޅިން ދެކޮޅު ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ދެ މަޝްރޫއުއަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު ވަނީ ހާޒިރުކޮށްފައެވެ. އެއަށް ފަހުގައި ސުވާލުކުރުމަށް މެމްބަރުންނަށް ލިބުނު ފުރުސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލުކޮށްފައެވެ.

"އަޅުގަނޑުމެންނަށް އަޑުއިވިފައިވާ ގޮތުގައި ސްޓެލްކޯ އާއި ފެނަކައިން، މި ތަންތަނުގެ ހިދުމަތް ރަނގަޅު ކުރަން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ކަރަންޓު އަގުހެޔޮ ކުރަން. ޕޮލްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ފުލުހުންގެ ހިދުމަތް ރަނގަޅުކުރަން. ސިފްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އެބަވެދޭ ގައުމީ ސަލާމަތާބެހޭ ކަންކަން ރަނގަޅުކުރަން،" އަފީފް ވިދާޅުވިއެވެ.

އަފީފަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ އެފަދަ މަޝްރޫއުއެއް ކަމާ ނުގުޅޭ ސަރުކާރުގެ ކުންފުންޏަޔަކާއި ހަވާލުކޮށްފައިނުވާނެ ކަމަށާއި ސަރުކާރުގެ ކުންފުނިތައް އުފެދުނު މަގްސުދާއި ހިލާފުވެގެން ނުވާނެ ކަމަށެވެ. އަދި އެސްއޯއީތައް އިމާރާތްކުރުމުގެ ދާއިރާއަށް ވަނުމާއި ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.

"ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވާން އެބަހުރޭ ލާފައި. އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެކަން ކުރުމަކީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެހަމައިން ވަދެގެން ނުވާނެ އޭގެ ތެރެއަށް،" ގާނޫނެއް ހެދިފައިނެތް ނަމަވެސް އެ ދާއިރާއަށް އެސްއޯއީތައް ކޮންސްޓްރަކްޝަން ދާއިރާއަށް ވަނުމާއި ދެކޮޅުކަން ހާމަ ކުރައްވާ މިއަދުގެ ޖަލްސާގައި މިނިސްތަރ އަސްލަމް ވިދާޅުވިއެވެ.

ވިޔަފާރި ފުޅާކުރުމުގެ ނަމުގައި ކަމާއި ނުގުޅޭ އެހެން ދާއިރާތަކަށް ސަރުކާރުގެ ކުންފުނިތަކުން ވަނުމަކީ އެ ކުންފުނިތަކުގެ މައިގަނޑު މަސައްކަތާމެދު ފޯކަސް ގެއްލޭނެ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެހެންވީމާ ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމު ވެސް އަޅުގަނޑު ތަރުހީބުދޭ ކަމެއް ވެސް ނޫން، އަޅުގަނޑު ބާރު އަޅާ ކަމެއް ވެސް ނޫން، ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް އެ މީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތެރެއަށް ވެއްދުމަކަށް،" އަސްލަމް ވިދާޅުވިއެވެ.