އައްޑޫގައި ހަދަން ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިނިސްޓަރ ހުސެއިން ރަޝީދު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އައްޑޫގައި ގާއިމްކުރަން ސަރުކާރުން ނިންމާފައިވާ ގޭދޮށު މަސްފެކްޓްރީތަކާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ.

ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މިއަދުގެ މަޖިލީހަށް ވަޑައިގަތީ އެ މަޝްރޫއުގެ ތަފްސީލުތައް ހިފައިގެން ނޫން ކަމަށާއި އެހެންނަމަވެސް މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.

""އެކަމަކު ގޭދޮށު މަސް ޕްލާންޓްތަކުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑު އައްޑު އަށް ކުރި ދަތުރުގައި ވެސް އެކަން ކުރިއަށްދާ ގޮތް ބަލާލިން. މަސައްކަތްތައް އެބަ ކުރިއަށްދޭ،" އެއް ރަށް ފިޔަވާ އެހެން ރަށްރަށުގައި މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

ކޮންޓްރެކްޓަރުންނަށް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ބައެއް ދަތިތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ ދަތިތައް ހޯދައިގެން އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސްގެ ދަށުން ދެވޭ އެހީގެ ދަށުން އައްޑޫގައި ގޭދޮށު މަސް ޕްލާންޓް ހަދަން ހަމަޖެހިފައި ވަނީ ހިތަދު އާއި މަރަދޫގެ އިތުރުން ހުޅުމީދޫގައެވެ.

ގޭދޮށު މަސް ޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމްޕެކް ކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.