މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދައި އަދި އެއް ޕާޓީއިން އަނެއް ޕާޓީއަށް މީހުން ބަދަލުކުރަމުންދާތީ އެކަން ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިިފި އެވެ.

އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެމްބަރުން ނެވެ. ނުފެންނަކަމަށް 17 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަަލަ ބަލަައިގަނެ ބަހުސްކުރަން ފާހެއް ނުވި އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމާއި ވަކިވުމަކީ ގާނޫނު އަސާސީގެ 30 ވަން މާއްދާގެ ދަށުން އާންމު ފަރުދުންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ. އެހެން ނަމަވެސް ގަވައިދާ ހިލާފަށް އާންމުންނަށް ނުވެސް އެނގި ޕާޓީތަކަށް ބަދަލުކޮށް އަދި އެއް ޕާޓީން އަނެއް ޕާޓީއަށް ވެއްދުމުގެ މައްސަލަ މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އޭގެ ސަބަބުން އާންމު ފަރުދުންގެ އިމްތިޔާޒްތަކަށް އުނިކަން ލިބުމުގެ އިތުރުން ސިޔާސީ ޕާޓީތަކަށް މާލީ ގޮތުން ފައިދާއާއި ގެއްލުންވެސް ކުރިމަތިވާކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ އިޖުތިމާއީ މައްސަލަތައް ވެސް އުފެދި ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެހައްގު ގެއްލޭކަމަށް އޭނާ ވިދާޅުވި އެވެ.

"[މިކަމުގެ ސަބަބުން] މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވޭ" އާދަމް އިތުރަށް ވިދާޅުވި އެވެ.

އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް އާދަމް އެދިވަޑައިގެންނެވި އެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ނޭނގި ވަންނާތީ އެކަން ހުއްޓުވަން އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ މަސައްކަތް ވެސް ފަށައިފައި ކަމަށް އެކޮމިޝަނުން ބުނެއެވެ.