ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ލޯނުން ލިބޭ ފައިސާ ބެލެހެއްޓުމަށް ޓްރަސްޓް ފަންޑެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ލޯނުގެ ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޓްރަސްޓް ފަންޑެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޓްރަސްޓް ފަންޑު ގާއިމް ކުރުމުގެ ސަބަބުން ލޯނު އަނބުރާ ދައްކާއިރު ލިބޭ ފައިސާ ހަރުދަނާކަމާއެކު ބެލެހެއްޓުމާއި އިތުރު ދަރިވަރުންނަށްވެސް ލޯނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށް ވެސް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.

"މަތީ ތައުލީމް ހާސިލް ކުރުމަށް ދަރިވަރުން ނަގާފައިވާ ފައިސާ އާއި އަޅާބަލާއިރު ގިނަ ދަރިވަރުން ލޯނު ދައްކަމުން ދަނީ. ފައިސާ ދެއްކުމުގައިވެސް ފަރުދީ ޒިންމާ އަދާކޮށް ގަވާއިދުން ފައިސާ ދެއްކުން ވަރަށް މުހިންމު." އޮފިޝަލު ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް އެކުލަވާލައި، 2017 ގައި ނެރެފައިވާ ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2012 ވަނަ އަހަރުގެ ނިޔަލަށް ލޯނު އަނބުރާ ދައްކަން ޖެހޭ 935 ދަރިވަރުންގެ ތެރެއިން 242 ދަރިވަރުން، 2013 ވަނަ އަހަރުގެ ނިޔަލަށް 1،332 ދަރިވަރުންގެ ތެރެއިން 347 ދަރިވަރުން އަދި 2014 ވަނަ އަހަރުގެ ނިޔަލަށް 1،666 ދަރިވަރުންގެ ތެރެއިން 658 ދަރިވަރުން ލޯނު ފައިސާ އަނބުރާ ދައްކާފައެއްނުވެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ނެޝަނަލް ސްޓޫޑެންޑް ލޯން ސްކީމުން 2014 އިން 2019ގެ ނިޔަލަށް ޖުމުލަ 1.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، އެ ލޯނުތަކުގެ ތެރެއިން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 64 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ލިބެންޖެހި ނުލިބޭ ފައިސާ އެންމެ ގިނައީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މެނޭޖްކުރާ ގޮތަށް ދޫކޮށްފައިވާ ލޯނުތަކަށެވެ. އެ ސްކީމުން 114.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އަނބުރާ ދައްކަން ޖެހި ނުދައްކާ ފައިސާގެ އަދަދު 101.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންކީޕޮކްސް

    ނައިސް

  2. ެއެމޯންގަސް

    މިއީ ހަމަ ސަޅި ކަމެއް!!!

  3. ލލ

    ކޮބައިތޯ 1980 ގެ އަހަރު ތަކުގެ ތެރޭގައި އުފެއްދި ތައުލީމީ ފަންޑު އެފަންޑު ވީތަނެއް ނޫސްވެރިންނަށް އެގޭބާ ؟