ރޭ ފަތިހުން ފެށިގެން ވަރަށް ގިނަ އިރުތަކަކަށް މާލެއިން ކަރަންޓް ކެނޑުމުގެ ސަބަބުން ތިން ސްކޫލެއްގެ ހެނދުނު ދަން ފަޅީގެ ކިޔެވުން ކެންސަލްކޮށްފި އެވެ.

ކިޔެވުން ކެންސަލްކުރީ އިސްކަންދަރު ސްކޫލާއި އިމާދުއްދީން އަދި އިއްޒުއްދީން ސްކޫލް އެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓު ކެނޑުމުގެ ސަބަބުން ހެނދުނު ސެޝަން ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ހުއްދަދިން ކަމަށެވެ.

އަދި އޭގެ ބަދަލުގައި މެންދުރު ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްކަންދަރެކޭ އެއްގޮތަށް އިމާދުއްދީންއާއި އިއްޒުން ދީން ސްކޫލުން ވެސް ނިންމާފައިވަނީ ހެނދުނު ސެޝަން މިއަދު މެންދުރު ކުރިއަށް ގެންދާށެވެ.

ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑިފައި އޮތުމަށް ފަހު އަލުން މުޅި މާލެއަށް އެއްކޮށް ކަރަންޓް ދެވުނީ ނުވަ ގަޑި ބައިވާން އުޅެނިކޮށެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހާ ގިނަ އިރަށް މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލައެއް ފަހުގެ ތާރީހެއްގައި ކުރިމަތިވެފައެއް ނުވެއެވެ.