މަޖީދިއްޔާ ސުކޫލްގެ ދަރިވަރުން ހުޅުމާލޭގައި 1927 ގަސް އިންދައިފިއެވެ.

މިއީ މަޖީދިއްޔާ ސުކޫލުގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީއާއި ގުޅިގެން މިއަދު ހުޅުމާލެގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ.

މިގޮތުން، 1927 ގަސް ހުޅުމާލެގައި އިންދާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައި ވެއެވެ.

މިއީ ހުޅުމާލެ ފެހިކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެ ކުންފުނިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ މަގުތަކާއި، ޕާކުތައް ފަދަ އާންމު ސަރަހައްދުތައް އިތުރަށް ފެހިކޮށް ގަސް އިންދުމުގެ ގިނަ ހަރަކާތްތަކެއް މިހާރުވެސް ރާވަމުންދާ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައި ވެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ތިމާވެއްޓަށް ކުރެވޭ ގެއްލުން ކުޑަކޮށް މުޅި އަހަރަށް ބަހާލައިގެން ގިނަ ކެމްޕޭންތަކެއް ކުރުމަށް އެކި ސްކޫލްތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން މިއަދު ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އެޗްޑީސީ

"އަދި، މި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފެހި ކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ. މިގޮތުން ހުޅުމާލެ ފެހި ކުރުމަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ވާހަކަ ފާހަގަކޮށްލަން" އޭނާ ވިދާޅުވިއެވެ.

މިފަދަ މަސައްކަތެއް ފުރިހަމަވުމުގައި މުޖުތަމައުގެ ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޑީސީން މައުލުމާތު ދެއެވެ.