ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ސްޓެލްކޯއިން ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމްއެއް ފަށައިފިއެވެ.

"ސްޓެލްކޯ ހުނަވަރު" ގެ ނަމުގައި މިއަދު ފެށި މި ޕްރޮގްރާމް އިފްތިދާހުކުރެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

ރަސްމިއްޔާތު ޝަރަފުވެރުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ ތަރައްޤީގެ މައި ތަނބު ކަމުގައެވެ. އަދި ޒުވާނުންނަކީ ގައުމުގެ ކުރިމަގުކަމުގައި ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވާ އެކުދިންނަށް ފުރުސަތުތަށް ފަހިކޮށްދޭން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.
"ޒުވާނުންނަކީ ގައުމުގެ ކުރިމަގު. އަދި ޒުވާނުން ބާރުވެރިކުރުވަން އެބަޖެހޭ. އެއީ ގައުމުގެ މައި ތަނބަކީ ޒުވާނުން ކަމަށްވާތީ" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ވަގުތު އިމޭޖްސް

އަދި ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުން ކަމަށާއި ގައުމު އިގްތިސާދީ ގޮތުން ކުރިއެރުވުމަށް ޒުވާނުންގެ ހިއްސާ ބޮޑު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ ޒައާމަތުގައި ޒުވާނުން ބާރުވެރިކުރުވާ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް އެތަކެއް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި ގިނަ ޒުވާނުން ރައީސް ޔާމީން ގައުމަށްޓަކައި ކޮށްދޭއްވާފައިވާ ކަންކަން ބަލައިގަނެފައިވާ ކަމަށްވެސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި މީގެ ކުރިން މިދަފަ ޕްރޮގްރާމްތަކަށް ޒުވާނުން އަހުލުވެރިވާ މިންވަރާއި އަޅާބަލާއިރު މިހާރު ޒުވާނުން ތިބީ މި ފަދަ ވަޒީފާގެ ފުރުސަތުތަށް ތަނަވަސްވާ ޕްރޮގްރާމް ތަކަަށް ވަރަށް ބޮޑަށް ލޯހުޅުވިފައި ކަމުގައި ވެސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަށް ތަނަވަސްކޮށްދިނުން ކަމުގައެވެ.

އަދި ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނީގައި މަސައްކަތްކުރާ 35 އިންސައްތަ މުވައްޒަފުންނަކީ ކަނބަލުންނަށް ހެދުން ކަމަށާއި މިވަގުތާއި ހަމައަށް އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ކަނބަލުން ހިއްސާ ކުރަމުން އަންނަނީ 15 އިންސައްތަ ކަމަށެވެ.

އަދި މިއަހަރުގެ ތެރޭގައި 15 ސްކޮލަރޝިޕްއަކަށް ސްޓެލްކޯއިން ހުޅުވާލައިފައިވާއިރު މިހާތަނަށް އެކަމަށް އެދެވޭ ތަރުހީބެއް ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ސްޓެލްކޯ ހުނަވަރު ޕްރޮގްރާމްގައި ބައިވެރިވެ ރަގަނޅު ނަތީޖާއެއް ނެރޭ ކުދިންނަށް ސްޓެލްކޯއިން ވަޒީފާ ހަމަޖެހިގެންދާނެ ކަމުގައިވެސް ޒުހޫރު ވިދާޅުވިއެވެ.

18 އަހަރާއި 25 އަހަރުގެ 50 ބައިވެރިންނާއި އެކު މިއަދު ފެށިގެން ދިޔަ ސްޓެލްކޯ ހުނަވަރު ޕްރޮގްރާމް އަކީ ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމް އެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަސީމު

    މީ އަހަރެމެން މިދައްކާވާހަކަ މި ގައުމު ކުރިއަރާ އެބަދެޔޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އެބަލިބެޔޭ ފަރުދުންގެ އަތްމަތި ތިޔާގިއެބަވެޔޭ ދެންކީއްވެހޭ ޔާމީނަށް ވޯޓު ނުދޭންވީ ތަރައްގީ ހަބޭސް ....