ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ސިޓީގައި ކުރިޔަށްދާ މަގުހެދުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ކުރިންވެސް ކަނޑައަޅާފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތާއި ހަވާލުވެފައިވާ އިންޑިޔާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ބުނެފިއެވެ.

މެއި 25 އިން ޖޫން މަހުގެ ދެވަނަ ދުވަހަށް ރާއްޖޭގެ މީޑިޔާތަކުން 20 ނޫސްވެރިން އިންޑިޔާގެ ހަރަދުގައި އެގައުމުގައި ބޭއްވި ފެމިލިއަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު އެ ދަތުރުގެ ތެރެއިން އެފްކޮންސް އަށްވެސް ވަނީ ޒިޔާރަތް ކޮށްފައެވެ. އެ ކުންފުނިން ވަނީ ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އައްޑޫގެ ރައްރަށުގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށް ގިނަ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އެފްކޮންސް އިންފްރާސްޓްރަކްޗާއާއެވެ.

1.1 ބިލިއަން ރުފިޔާގެ މި މަޝްރޫއުގައި ރާއްޖެއާއި އެފްކޮންސް އާއި ދެމެދު ސޮއިކޮށްފައި ވަނީ 21 ފެބްރުއަރީ 2021 ގައިއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ގާތްގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުމަށް ރާވައިފައިވާއިރު އައްޑޫގެ ހުރިހާ ރަށެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕްރޮޖެކްޓް އަޕްޑޭޓް
ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަންގެ މަސައްކަތްތައް ހިމެނޭ ސާވޭތައް މިހާރު ވަނީ ނިމިފައި.
ބްރިޖާއި މަގު އަދި ފެންހިންދުމުގެ މަސައްކަތުގެ ޑިޒައިން ވަނީ ނިމިފައި.
މިހާރުވެސް 585 މަސައްކަތު މީހުން މަސައްކަތް ކުރާ ސަރަހައްދުގައި ހަރަކާތްތެރިވާނެ. އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރުކޮށް އެ އަދަދު 900 އަށް އަރާނެ.
މިހާރުވެސް 50 އިންޖިނިއަރިން ސްޓާފުން މަސައްކަތް ކުރިއަށްދާ ސައިޓުގައި ހަރަކާތްތެރިވާނެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުކުރުމަށް ވަނީ ނިންމާފައި.

މި މަޝްރޫއުގައި ތާރުއަޅަންކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އަޅާނެއެވެ. އެ ލޭޔާގެ ބޭނުމަކީ ފެން ހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅިދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކުރުމެވެ.


މަޝްރޫއުއާ
ގުޅޭ ކަރުދާހުގައިވާ ގޮތުން ހިތަދޫ އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ މަގު، ހަތަރު ލޭނު ހިމެނޭ ގޮތަށް (ކޮންމެ ބްރިޖެއްގައި ދެ ލޭން) ދެ ބްރިޖެއް ހަދާނެއެވެ. ގާތްގަނޑަކަށް 1.5 ކިލޯމީޓަރު ހުންނަ ސަރަހައްދެއްގައި މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ސަރަހައްދުގެ ގޮނޑުދޮަށް ހިމާޔާތް ކުރާނެއެވެ. އެއް ބްރިޖުގެ ދިގުމިނުގައި 450 މީޓަރު ދިގު މިނެއް ހުންނާނެއެވެ. އަނެއް ބްރިޖުގައި 210 މީޓަރެވެ.

މި މަޝްރޫއުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމެވެ. އެގޮތުން ޕްލޭންގައިވާ ގޮތުން ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އާއި މަރަދޫއާއި މަރަދޫފޭދޫ އާއި ހުޅުމީދޫގައެވެ. މި ނިޒާމު ގާއިމު ކުރުމުގެ ސަބަބުން ވާރޭ ވެހި މަގުތަކުގައި ފެން ހެދިއްޖެ ނަމަ ފަސޭހަ އިން އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުތަކުން ފެންހިންދާލެވޭނެއެވެ.

އައްޑޫގެ މަގުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ވާރޭ ވެހޭ ދުވަހެއް ނަމަ، ގިނަ މަގުތަކުގައި އޮންނަނީ ޗަކަ ހެދިފައެވެ. ފެން ބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށްއިންތިހާ އަށް ދަތިވެއެވެ. ސ. ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ގަމަކީ ތާރު މަގަކުން ގުޅިފައިވާ ރަށްތަކަކަށްވާ އިރު، އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެރަށުގެ މަގުތަކުގެހާލަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ އެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    މި ސަރުކާރުގައި އެންމެ ބަރާބަރު ކަމަކީ، މަޝްރޫޢުތައް ފަށާއިރު ހުންނަނީ ނިމިފައި

  2. Anonymous

    އިހައްދުވަހު ބުނިިީ އައްޑޫ މަގުތައް މަސައްކއތް ފަށަާ ވާހަކަ މިއަދު ބުނީ އަންނަ މަހު ނިމޭ ވާހަކަ