ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝާހިދު ސައުދީއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިިން މިނިސްޓަރު، އަމީރު ފައިސަލް ބިން ފަރުހާން އާލް ސައުދުގެ ދައުވަތަކަށް ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފޮނުއްވާ ސިޓީއެއް އެ ގައުމުގެ ފޮރިން މިނިސްޓަރަށް ޝާހިދު އަރުވާނެ ކަމަށް ވެސް މިނިސްޓްރީން އިން ބުނެފައި ވެއެވެ.

އޭގެ އިތުރުން ދެ ގައުމުގެ ފޮރިން މިިނިސްޓަރުގެ މެދުގައި ރަސްމީ ވާހަކަތަައް ބާއްވާނެ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ސައުދީގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖެއާއި ސައުދީއަކީ ޒަމާނުއްސުރެ އެކުވެރި ދެ ގައުމެކެވެ. ސައުދީން ވަނީ ރާއްޖޭގައި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.