މިއަދު ފާހަގަ ކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ހާއްސަ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

އެ ދުވަން އިންތިޒާމްކުރާ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އެ ދުވަން ބާއްވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެ ދުވުން ބާއްވާނެ ތާރީހެއް އެފްޑީއޭއިން ހާމައެއް ނުކުރެ އެވެ. އަދި އެމްއެފްޑީއޭ އިން ފޯނު ނުނަގާތީ އެކަމާ ގުޅޭ ގޮތުން ބަހެއް ވެސް ނުލިބުނެވެ.

ދުވުމުގެ އިތުރުން މީސް މީޑިއާ މެދުވެރިކޮށް ކަމާ ގުޅޭ މެެސެޖުތައް ފޮނުވައި ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އިތުރު ހަރަކާތްތައް ބާއްވާނެކަމަށް އެފްޑީއޭއިން ބުނެއެވެ.

މި އަހަރުގެ ކަބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ދުޅަހެޔޮ ސިއްހަތަށް ރައްކާތެރި ކާބޯތަކެތި" އެވެ.

އެހެންވެ ދަނޑުތަކުން ފެށިގެން ސުފުރާއާ ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުތަކުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކާބޯތަކެތީގެ ދުވަސް ފާހަގަކުރަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް އާންމުން ހޭލުންތެރި ކުރުވައި ކާބޯތަކެތީގެ ޒަރިއްޔާއިން ދިމާވާ އިގްތިސާދީ އަދި ސިއްހީ މައްސަލަތަކުން ސަލާމަތްވެ އަދި ދުޅަހެޔޮ އުފާވެރި މުޖުތަމައުއެއް ބިނާކުރުމަށެވެ.