ކުޑަކުދިންނަށް ދޭ ދިޔާ ބޭހެއްގައި ނުރައްކާތެރި މާއްދާއެއް ހިމެނޭތީ އެކަމަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

"ނޭޗާކޯލްޑް ސިރަޕް" ބޭނުން ނުކުރަން އެމްއެފްޑީއޭއިން އިލްތިމާސް ކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ނެރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އެމްއެފްޑީއޭއިން ބުނީ، މިއީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.