އަލަށް އަމަލުކުރަން ފަށާ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގައިފިއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގައި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާއި ބެހޭ އާންމު އުސޫލާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތްތަކާއި ޝަރީއަތުގެ މަރުހަލާ ހިނގާނެ ގޮތާއި ހެކީގެ އުސޫލުގެ އިތުރުން މަދަނީ އިޖުރާއަތާއި ބެހޭ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތް ވެސް ވަނީ ބަޔާންކޮށްފައެވެ.

އެ ގާނޫނުގައި ވާގޮތުން ގާނޫނު ތަސްދީގު ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލު ކުރަން ޖެހޭނެއެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެ ގާނޫނު ތަސްދީގު ކޮށްފައިވާތީ މިއަހަރުގެ ޖޫން 16ގެ ނިޔަލަށް އެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހޭނެއެވެ.

އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެ ގާނޫނުގެ ދަށުން ކޯޓުތަކުން ހަދަން ޖެހޭ ގަވައިދުތައް ހެދުމުގައި ބޭނުންކުރެވިދާނެ ނަމޫނާ ގަވާއިދުގެ ދެލިކޮޕީ އަކާ އެކު ޕްރެކްޓިސް ޑައިރެކްޝަންއެއް ނެރެފައެވެ. އެއާއެކު އެ ކޯޓެއްގެ އިޖުރާއަތާ ގުޅޭ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ގަވައިދު ހަދަން ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ނަމޫނާއަށް ބަލައިގެން ކޮންމެ ކޯޓަކުން ވެސް އެ ކޯޓެއްގެ އިޖުރާއަތާ ގުޅޭ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ގަވައިދު ހަދައި ގާނޫނުގައިވާ ގޮތުގެ މަތިން އެ ގަވާއިދު ގެޒެޓުކުރަން އަންގާފައިވާއިރު ސުޕްރީމް ކޯޓުގެ ނަމޫނާ ގަވައިދުގައި، މަދަނީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކޮށް ހިންގުމުގެ ކަންކަން އިންތިޒާމުކޮށް އެ ގާނޫނު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލުތަކާއި އިރުޝާދުތައް ވެސް ވަނީ ހިމަނާފައެވެ.