ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އެޕާޓީގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރްޕީއަށް މެންބަރުން ހަމަކުރުމާއި ގުޅިގެން "ވަގުތު" އާއި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ޑީއާރްޕީ އުފެދިގެން އައީ ވެރިކަން ކުރަން ކަމަށާއި ޑީއާރްޕީގެ މިހާރުގެ ވިސްނުމަކީ ވެސް އެޕާޓީގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުން ކަމަށެވެ. އެހެންނަމަވެސް ވާދަކުރާނީ ކޯލިޝަން ހަދައިގެންތޯ ނުވަތަ ގިނިކަންޏާތޯ ނިންމާނީ ޑިމަކްރިޓިކް ޕާޓީއެއްގައި ކަންކަން ނިންމާ އުސޫލުން ޕާޓީގެ މެންބަރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޑީއާރްޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ދެން ވާދަކުރާނީ ކޯލިޝަން ހަދައިގެންތޯ ނޫނީ ޕާޓީންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސުން. ޑިމަކްރަޓިކް ޕާޓީއެއްގައި ކަންކަން ނިންމަން ވާނީ ވެސް އެގޮތަށްތާ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ކޯލިޝަން ހެދި ކަމުގައި ވީނަމަވެސް ރަނގަޅު އެއްބަސްވުމެއް ހެދެން ޖެހޭ ކަމަށާއި އަދުގެ ސަރުކާރު ވެސް ގާއިމްވެގެން އައީ އޭނާގެ އަތުން ބޮޑެތި އަދަދުތަކެއް ހަރަދުކޮށްގެން ކަމަށެވެ. އަދި ސަރުކާރުން އޭނާއަށް ވެސް ބައި އަޅާގޮތަށް އެއްބަސްވެގެން ނަމަވެސް އާހިރުގައި ކަންހިނގީ އެހެން ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯލިޝަން ވެއްޖިއްޔާ އޮތް ނިޒާމަކީ 5 ރައީސުން ތިބުން. ދައުރުގެ ކޮންމެ އަހަރަކު ވެރިކަން ކުރާނީ ވަކި ބޭފުޅެއް. ކޯލިޝަން ވެރިކަމެއްގައި ރާއްޖެއަށް އެންމެ ހަމަޖެހުން ބޮޑުވާނެ ގޮތަކީ އެއީ ކަމަށް ފެންނަނީ. އެއީ ރައީސް ޔާމީން ވެސް ރައީސް ނަޝީދު ވެސް އަދި މިފަހަރުވެސް ވެރިކަމަށް އައީ ކޯލިޝަން ހަދައިގެން. އަޅުގަނޑު އެހުރިހާ ކޯލިޝަނެއްގެ ނެގޯސިއޭޝަންގަވެސް އުޅުނީމާ ތަޖުރިބާގެ އަލީގައި މި ދަންނަވަނީ" އޭނާ ވިދާޅުވިއެވެ.

އެހެން އެކަން ފާހަގަ ކުރެއްވުމަށް ފަހުގައި އޭނާ ވިދާޅުވީ ރާއްޖޭގެ ޑިމަކްރަސީއަށް އެންމެ ހަމަޖެހުން ބޮޑު ގޮތަކަށް ވެގެންދާނީ ބަރުލަމާނީ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނާއި އެކުގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނު ކުރައްވާފައެވެ. އެހެންނަމަވެސް ކޯލިޝަންގެ ބައިވެރިން މިހާތަނަށް ކޯލިޝަން ހަދާނެ ކަން އިއުލާނުކޮށްފައެއް ނުވެއެވެ.

ސަރުކާރު ގެނައުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ޖާބިރު ވެސް ވިދާޅުވީ ކޯލިޝަން ހެދުމާއި މެދުގައި ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށެވެ. އެކަމަކު ކުރިޔަށް އޮތް ޑީއާރްޕީގެ ކޮންގްރެސްގައި އެކަމާއި ގުޅިގެން ވަކި ގޮތެއް ނިންމާނެ ކަމުގައެވެ.