މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލާ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ ޕާޓީ އުވާލީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި ގާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީއެވެ.

އީސީން ވަނީ މި ދެ ޕާޓީ އުވާލުމަށް ނިންމާ ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ ދަރަންޏަށް ޒިންމާވާނީ އެ ދަރަންޏެއް އުފެދުނުއިރު، ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅާފައެވެ.

ޑީއާރްޕީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި ޑީއާރްޕީ އަށް މައްސަލަތައް ކުރިމަތިވީ މައުމޫނަށް ފަހު ލީޑާޝިޕާއި ހަވާލުވި އަހްމަދު ތަސްމީލް އަލީ އާއި ދެކޮޅަށް މައުމޫނަށް ތާއިދު ކުރާ ފަރާތްތަކުން 2011 ވަނަ އަހަރު ނިކުތުމުންނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ތަސްމީން ވަނީ ޑީއާރްޕީ ދޫކޮށްލާފައެވެ. ދެން ޕާޓީގެ ލީޑާޝިޕާއި ހަވާލުވީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. ނަމަވެސް އޭނާ އަށް ޕާޓީ ހިންގައެއް ނުލެވުނެވެ. ޖާބިރު ޑީއާރްޕީގެ ލީޑާޝިޕާއި ހަވާލުވީ 2019 ވަނަ އަހަރު އެވެ.