އެމްޓީސީސީން 35 ބަސް ޑްރައިވަރުން ހޯދަން އިއުލާނުކޮށްފިއެވެ.

ސަރުކާރުގެ ހިއްސާ އޮންނަ އެންމެ ބޮޑު އެއް ކުންފުނިން ބުނީ އެމްޓީސީސީގެ ބަސް ޑްރައިވަރުންގެ ގޮތުގައި ހޯދަމުން ދަނީ ދިވެހި ޒުވާނުން ކަމަށެވެ.

އެމްޓީސީސީން އިއުލާނު ކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި މަސައްކަތް ކުރާނެ 35 ބަސް ޑްރައިވަރުންނެވެ. އެ ޑްރައިވަރުންނަކީ ލައިސެންސް ކެޓަގަރީ (B0) ގެ ޑްރައިވަރުނަށް ވާން ޖެހޭނެއެވެ.

އެ ކުންފުނިން ބުނީ، ޑްރައިވަރުން ނަގަނީ ކޮންޓްރެކްޓް އުސޫލުން އަހަރަކަށް ކަމަށާއި ނަމަވެސް މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ބަސް ޑްރައިވަރުންގެ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސް ތަކާއެކު، މަހަކު 14،000ރ. ދޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ ހަފްތާއަކު ހަ ދުވަހު ޑިއުޓީ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ބަސް ޑްރައިވަރުންނަށް ވާން ޝައުގުވެރިވާ މީހުން، އެ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް، އަންނަ ހޮނިހިރު ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅުމަށް އެމްޓީސީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މާލޭ ސަރަހައްދުގައި ދަތުރުތައް އިތުރު ކުރުމަށް އެމްޓީސީސީއިން ވަރަށް ފަހު ގިނަ ބަސްތަކެއް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދއެރ

    ބަސްތައް ގެނެސް ބަހައްޓައިގެން މިހާ ދުވަސަވީއިރު އަދި ޑްރައިވަރުން ނުހޯދާ. ފޭސް 2 ގެ މީހުން އުޅޭ ތަކުލީފަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް.

  2. ުބގކބ

    ވަޒީފާ ޢިއުލާން ކުރަނީ ނަމެއްގައި. އިއުލާން ކުރުމުގެ ކުރިން ވަޒީފާ ލިބޭ މީހުން ތިބެނީ ފައިނަލްކޮށްފަ. އެ ހެޔޮ ވަޒީފާއަށް ކުފޫ ހަމަ ނުވިޔަސް. ކޮރަޕްޓް ވެގެން ހައްދުފަހަނަ އަޅާފަ މިޤައުމު މިއޮތީ. 🤦‍♀️🤦‍♀️🤦‍♀️