ރާއްޖޭގެ ސްކޫލްތަކުގެ ސެކިއުރިޓީ ވަރުގަދަކުރަން އެންގީ، ދީނީ ހަރުކަށި ފިކުރުގެ ސަބަބުން ނޫން ކަމަށާއި، އެކަން ގޮތަށް އެންގީ ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރި ހިންގަން މަސައްކަތް ކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިނިސްޓަރާ ސުވާލު ކުރައްވަމުން އައްސަވާފައި ވަނީ، ސުކޫލުތަކުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ސަބަބުންތޯ ނޫނީ ލާދީނީ ވިސްނުމެއް ނުވަތަ ބިރުވެރިކަމެއް އޮވެދާނެތީތޯއެވެ.

ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސުކޫލުތަކުގެ ސެކިއުރިޓީއަކީ އަބަދުވެސް ވަރަށް ހަރުދަނާކަމާއެކު ބަލަހައްޓަމުންދާ ކަމެއް ކަމަށެވެ.

ސުކޫލުތަކުގެ ސެކިއުރިޓީއަކީ މިނިސްޓްރީން އަބަދުވެސް ވަރަށް ހަރުދަނާ ކޮށް؛ ވަރަށް ވަރުގަދައަށް ބަލަހައްޓާކަމެއް ކަމަށާއި މިހާރުވެސް ސްކޫލްތަކުގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އާ ކަންކަން އިންޕްލޭސް ކުރަން ޖެހެނީ އެ ސުކޫލެއްގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި. ސްކޫލުގައި ދަރިވަރުން އުޅޭވަގުތުތަކުގައި ސުކޫލުގެ ގޭޓުތައް ބަންދުކުރެވިފައި ހުންނަންޖެހޭނެ. ދެން ޖަމާލުއްދީން ސުކޫލަށް މީހަލު ވަނުމާއި ގުޅިގެން އަޅުގަނޑުމެން އިތުރަށް އެކަންކަން ހަރުދަނާކުރުމަށް، އެކަންކަން ކަށަވަރު ކުރުމަށް ސުކޫލުތަކަށް އެންގިން، ސާކިއުލާއެއްގެ ޒަރިއްޔާއިން.'' މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ހުރިހާ ސްކޫލްތަކަށް މިދިޔަ ހަފްތާގައި ފޮނުވި ސާކިއުލާއެއްގައި އަންގާފައިވަނީ މިހާރެކޭ ވެސް އެއްގޮތަށް، ސެޝަންތައް ކުރިއަށްދާ ވަގުތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގޭޓެއްގައި ވެސް ސެކިއުރިޓީ ބެލަހެއްޓުމަށް އިތުރު ސަމާލުކަމެއް ދިނުމަށެވެ.

އަދި ސެޝަން ފެށޭ ވަގުތު (މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާ ވަގުތު) ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ގޭޓް އެތެރެއިން ތަޅުލާފައި ބެހެއްޓުމަށް ވަނީ އަންގާފަ އެވެ.

އޭގެ އިތުރުން ސެޝަން ފެށުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުމާއި ސެޝަން ކުރިއަށްދާއިރު ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުން ކަމަށް ވެސް ނޯޓިސްގައި ބުނެފައި ވެއެވެ.

ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑް އޮތްތޯ ސުކޫލުން ކަށަވަރުކުރުމަށް ވެސް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.

އެ ނޯޓިސްގައި އަންގާފައިވާ ކަންކަން ވަގުތުން ތަންފީޒުކުރަން ފެށުމަށް ވެސް މިނިސްޓްރީއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިކަހަލަ ލާދީނީ މީހުން ތަންތަނައް އައްޔަން ކުރީމަ ވާގޮތް މިފެންނަނީ

  2. Anonymous

    އެގޭ މީ ދޮގާއި މަކަރު ހެދުމުގެ އެއްމެ މަތީ ގިންތީގައި އުޅޭބަޔެއްކަން/. އަސްލު ތިކަމުގެ ބޭނުން މަކީ ކިޔަވާކުދިންނަށް ސްކޫލްގަޑީގައި ނަމާދަށް ނުފޮނުވުން ކަމަށް ވެދާނެ. ވިސްނާ ބަބަޔަކަށް މިކަން އެގޭނީ

  3. ބުހުތާން

    މީގަ ނެތް ލާދީނީއަކާ، ދީނީއަކާއި އެއްވެސް ގުޅުމެއް މިކަމެއް ހިނގާފައިވަނީ އަމިއްލަ ނަފްސް ކޮންޓްރޯލުން ނައްޓައިގެން މާރާމާރީ ހިންގަން އުޅުނު މީހެއްގެ ސަބަބުން، ....އެމެރިކާގައި ބަޑި ހިފައިގެން ސްކޫލްތަކަށް ވަދެ ކުދިން މަރަނީ އެ ނުވޭ ހައްދުފަހަނައަޅާ ދިއުމަކަށްވެސް އެއީ ދޮން ލާދީނީ މީހުން ކުރާކަމަކަށްވީމަ..