ގައުމު އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ، ސަރުކާރު އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށްދާ ނުވަތަ ހިދުމަތެއް މެދު ނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެހެން މަރާމާތެއް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހުރިހާ އޮފީހަކަށް އެންގުމާ ގުޅިގެންނެވެ.

އިގްތިސާދީ ހާލަތާ ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓްރީން ވަނީ ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ފިޔަވައި އިތުރު ހަރަދެއް ނުކުރުމަށް ސަރުކާރު އޮފީސްތަކަށް އަންގައިފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުން މަޖިލީހަށް ހުށަހަޅާ އަދި ދައްކާ ވާހަކަތަކަކީ ހައްސާސް މައްސަލަތަކެއްކަން މިހާރު ސާބިތުވަމުންދާ ކަމަށާއި ގައުމު އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އަދި މަޖިލީހުން ސަރުކާރުން އެންގިހާ ގޮތަކަށް އަމަލުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

"ސަރުކާރުން ބޭނުންވާ ގޮތަށް ރަބާ ސްޓޭމްޕް ޖަހާ މަޖިލީހުން ގަބޫލު ނުކުރިޔަސް، އޮޕޮޒިޝަނުން ހުށަހަޅާ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަން މިދަނީ ސާބިތުވަމުން. ގައުމު އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ފިޔަވަޅުތައް ހަރުދަނާ ކުރޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ސަރުކާރު އޮފީސްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާކަމަށެވެ.

އެހެންކަމުން އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވަމުންދާ ކަމަށާއި ހަރަދުތައް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާ ނަމަ އޭގެ ބުރަ އުފުލަން ޖެހޭނެތީ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެއެވެ،" ސާކިއުލާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުދުﷲ

    އާދަމް ސަރީފު ބުނީ ރަނގަޅައް. !!!! މިވަގުތު ކުރެވެމުންދާޚަރަދު އެއީ އިތުރައް މިގައުމައް އިތުރައް ތަހައްމަލް ކުރެވޭނެ ކަމެއްނޫން. ފުރަތަމަ ރައީސުންގެ ޚަރަދު ދެން ސަރުއީދާއިރާގެ ޚަރަދު ރައްޔިތުންގެ މަލިލިހުގެ ޚަރަދު ޑިޕޮލިމެޓިކް ޚަރަދު ވޯޓައްދިން ވަޒީފާތައް މީހައްތާ ރީތިނަމެއްގަތިބެ ގައުމުގެ ޚަޒާނާ ލޫޓުވާމީހުން .