ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ބާ އިމްތިހާނު ފަސް ކޮށްދެވެން ނެތް ކަމަށް އެ ކައުންސިލް އިން ބުނެފިއެވެ.

ބާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިމްތިހާނާ ގުޅިގެން ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ކައުންސިލްގެ އެކްސްކޯއިން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނީ ވަކީލުންގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައި އިމްތިހާނު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހުގެ 90 ދުވަސް ކުރިން އެ ތާރީހު އިއުލާން ކުރަން ބަޔާންކޮށްފައި އޮންނަކަމަށާއި އެގޮތުގެ މަތިން މާޗު މަހު ވަނީ ޖޫން 25 ގައި އިމްތިހާން އޮންނާނެ ކަން އިއުލާން ކޮށްފައި ކަމަށެވެ.

އެހެންކަމުން އަންނަ ހޮނިހިރު ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ރޭގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

"މި އިމްތިހާނަކީ 2020 ވަނަ އަހަރުން ފެށިގެން ބާ ކައުންސިލުން ބާއްވަން މަސައްކަތް ކުރަމުންދާ އިމްތިހާނެއް. އިމްތިހާނު ކުރެވޭނެ ގޮތް ބާ ކައުންސިލުން ގެންދިޔައީ ދުރާލާ އަންގަމުން. އެހެން ކަމުން އެ އިމްތިހާނު ފަސްކުރަން ޖެހޭ ސަބަބެއް ނެތް." ބާ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ އިމްތިހާނު ބޭއްވުމަށް ބާ ކައުންސިލުން އެންމެ ފުރަތަމަ ކަނޑައެޅީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް އެ ކައުންސިލުން އިމްތިހާނު 2022 އަށް ފަސްކުރިއެވެ.

ބާ އިމްތިހާނުގެ ތަފްސީލީ ސިލަބަސް ވެސް މި އަހަރުގެ ޖެނުއަރީ މަހު 600 އަށް ވުރެ ގިނަ ދަރިވަރުންނާއި ގާނޫނީ ފަންނަށް ވަނުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް ހިމެނޭ ޕްލެޓްފޯމެއްގައި ވަނީ ހިއްސާކޮށްފައެވެ.

ބާ ކައުންސިލްގެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ކަންބޮޑުވުމަކީ މިހާރު ކަނޑައަޅާފައިވާ ފީ އަގުު ބޮޑުވުމެވެ. އެއީ 10،000ރ. ގެ ފީ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    ޤައުމުގެ ނަމުގައި އަމިއްލަ އެދުން ބޮޑު މީހުން މަޤާމު ތަކައް ލީމަ ވާނެ ގޮތް.. ލޯ ކިޔަވާކުދިންގެ ކުރިމަގު ބަނަކޮށްްފި

  2. ޙާލަތު

    އަސްލު މިމީހުން އަތުން ބާރުގޮސްފާނެތީ ކުޅޭ ކުޅިއެއް....ކިޔަވާގެންއަންނަ ކުދިން މާމޮޅުވެދާނެތީ....މީޑިޔާއިން މިމީހުންނަށް މުހާތަބުކުރާ ރާއްޖޭގެ މަސްހޫރު ފުންނާބު އުސް ވަކީލުންގެ ލަގަބު ދިފާއުކުރަން ކުޅޭކުޅިއެއްތިއީ