ދިވެހިރާއްޖޭގެ ބާ ކައުންސިލުން މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ބާ އިމްތިޙާނަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ މުއްދަތު 4 ދުވަހަށް ވެއްޖެއެވެ. އިމްތިޙާނަށް ރަޖިސްޓަރީކުރެވޭނީ 15 ޖުލައި 2023ގެ ނިޔަލަށެވެ.

2019 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުކަން ކުރުމަށް ބޭނުންވާ އަސާސީ އެއް ޝަރުޠުކަމުގައިވާ ބާ އިމްތިޙާނަކީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތަށް އަހަރަކު އެއްފަހަރު ބާ ކައުންސިލުން އިންތިޒާމުކުރާ އިމްތިޙާނެކެވެ. މި އިމްތިޙާނުގެ މަޤްޞަދަކީ ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ކިބައިގައި މުވައްކިލުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމާއެކު، ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ނެތް ގޮތް ދެނެގަތުމެވެ.

2022 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވީ ފަރާތްތަކުންވަނީ ވަރަށް އެދެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، އިމްތިޙާނުގެ އެވްރެޖް މާކުހަކީ %66 އެވެ. އަދި އިމްތިޙާނުން ފާސްވެ މަތީ ދަރަޖަތައް ޙާޞިލުކުރި ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑް ޕްރޮގްރާމްގެ ގްރެޖުއޭޓުން ހިމެނެއެވެ. އަދި 2022 ވަނަ އަހަރުގެ އިމްތިޙާނުގައި ބައިވެރިވި 173 ފަރާތުގެ ތެރެއިން 73 ފަރާތަކުން ވަނީ މިހާރު ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދާފައެވެ.

"2022 ވަނަ އަހަރު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ބާ އިމްތިޙާނަކީ ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިޙާނެއްގެ ގޮތުގައި ބާ އިމްތިޙާނު ފަރުމާކުރާ އެންމެ ބޮޑެތި ޤައުމުތަކުންވަނީ ފާހަގަކޮށްފައި. އަދި 3 އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ އިމްތިޙާނެއް މިގޮތުގައި އެކުލަވާލެވިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމުގައިވަނީ ފާހަގަކުރައްވާފައި" ބާ އިމްތިޙާނުގެ ޗީފް އެގްޒެމިނަރ އަދި ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ.މަރިޔަމް ޖަބީން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ބާ އިމްތިޙާނުގައިވެސް 2022 ވަނަ އަހަރު އިމްތިޙާނުކުރެވުނު 6 ދާއިރާއިން އިމްތިޙާނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، އަދި ޓޯޓް ލޯ ގެ ދާއިރާއެވެ. މީގެ އިތުރުން މި އަހަރުގެ އިމްތިޙާނުގައި 2022 ވަނަ އަހަރު ޢަމަލުކުރަން ފެށި ބޮޑެތި ޤާނޫނުތަކުން އިމްތިޙާނު ކުރުމަށްވަނީ ހަމަޖެހިފައެވެ. 2023 ވަނަ އަހަރުގެ އިމްތިޙާނުގެ ސިލަބަސްވަނީ 2023 ގެ ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސް އިން ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ބާ ކައުންސިލުގެ ވެބްސައިޓުގައި ޢާންމުކޮށްފައެވެ.

މި އަހަރުގެ އިމްތިޙާނުގައިވެސް ދިވެހި އަދި އިނގިރޭސި ބަހުން ސުވާލުތައް ހިމެނިފައިވާނެއެވެ. ބާ އިމްތިޙާނަށް ފަރިތަކުރުމަށް ލޯ ގްރެޖުއޭޓުންނަށް ބޭނުންވާނެ ލެކްޗަރ ސްޓަޑީ މެޓީރިއަލްތައް މިހާރުވެސް ބާ ކައުންސިލުގެ ޔޫ-ޓިޔުބް ޗެނަލްއިން ލިބެން ހުންނާނެއެވެ. އަދި ބާ އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކުން އިމްތިޙާނަށް ފަރިތަކުރުމަށް ބޭނުންކުރެވޭނެ ޕްރެކްޓިސް ސުވާލުތައް ބާ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ބައިވެރިން އިތުރަށް ތައްޔާރުވުމަށް ދެވޭ ފުރުސަތެއްގެ ގޮތުން އިމްތިޙާނާ ގާތްކޮށް އިތުރު ލެކްޗަރ ސީރީޒްއެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

2023 ވަނަ އަހަރުގެ އިމްތިޙާނަށްވެސް ކެންޑިޑޭޓުން އަތުން ނެގުމަށް ހަމަޖެހިފައިވަނީ 6،500 (ހަހާސް ފަސްސަތޭކަ) ދިވެހިރުފިޔާއެވެ. ފީ ދެއްކުމުގެ އިރުޝާދުތައް ބައިވެރިންނަށް ލިބޭނީ އިމްތިޙާނުގައި ރަޖިސްޓަރީވުމަށް އެޕްލިކޭޝަން ހުށަހަޅައި އިމްތިޙާނުގައި ބައިވެރިވުމުގެ އަސާސީ ޝަތުޠުތައް ފުރިހަމަވުމުންނެވެ. އިމްތިޙާނުގެ ބައިވެރިންނަށް ފީ ދެއްކުމުގައި ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، މިއަހަރުގެ އިމްތިޙާނުގެ ފީ ދެ އިންސްޓޯލްމަންޓަށް ބަހާލައިގެން ބަލައިގަތުމަށް ނިންމާފައިވެއެވެ. ނަމަވެސް އިމްތިޙާނުގެ ފީ 7 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން އެއްކޮށް ދައްކާ ނިންމަން ބާ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެޕްލައިކުރުން: https://forms.office.com/r/DeUBZ1CyKr

ބާ އިމްތިޙާނުގެ ސިލަބަސް: https://l1nq.com/6fR2F

ބާ އިމްތިޙާނުގެ ޕްރެކްޓިސް ސުވާލުތައް: https://l1nq.com/B4uca

ބާ އިމްތިޙާނާ ގުޅޭ އެންމެހާ މަޢުލޫމާތު ހޯއްދެވުމަށް: https://maldivesbarcouncil.org/bar-exam

ބާ އިމްތިޙާނު ފަރުމާކުރުމާ ބެހޭ ޢާންމު މަޢުލޫމާތާ ގުޅޭ ޕްރެޒެންޓޭޝަން:
https://www.youtube.com/watch?v=4wzafimWXq0

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބާ ކައުންސިލަކީ ބަލާވެރިކަމެކެވެ. ތިތަނުގެ ރައީސަކީ މިރާއްޖެއާއި މިރާއްޖޭގެ ގައުމިއްޔަތާއި ދިވެހިބަހާ ދެކޮޅަށް ރެއާއިދުވާލު މަސައްކަތްކުރާ މީހެކެވެ. ދިވެހިބަހާ ދެކޮޅަށް ފާޅުގައި އޭނާ ހަނގުރާމަކުރަމުންދާއިރު ދިވެހިބަހުގެ އެކެޑަމީ އޮތީ ޤާނޫނީ ޒިންމާ އަދާނުކޮށް ގަދަ ނިދިން ނިދާފައެވެ. ގުގުރިދަމާ އަޑު ސޯސަން މަގުން ހިނގާފައިދާ މީހުންނަށް އިވޭނެއެވެ.