ހއ. އިހަވަންދޫގެ އައިސް ޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ސުމޮން މިއާގެ މައްޗަށް ގަސްތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ، މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުމޮންގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.

ކުށަށް ސުމޮން މިއާ އިއުތިރާފުވުމާއި އެކު، ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ ހެކީގެ މައްޗަށް ރިޔާއަތްކޮށް، އިއްސެ މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ބަންގްލަދޭޝްގެ ރައްޔިތެެއް ކަމަށް ސުމޮން މިއާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާ މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.

މިދިޔަ ހަފްތާގައި ސުމޮން މިއާގެ ފަރާތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އިއްސެ މަރާލި ކަމަށް ތަހުގީގާއި ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ވެސް ސުމޮންމިއާ އެއްބަސްވެފައިވެއެވެ. އޭނާ ބުނި ގޮތުން، އިއްސެ މަރާލަން ޖެހުނީ މަސައްކަތުގެ ވަގުތުގައި އުނދަގޫކޮށް، އޭނާ އާއިލާއަށް ވަގުތު ދޭން ވެސް އިއްސެ ފުރުސަތު ނުދޭތީ އެ ނުރުހުންތެރިކަމުގައެވެ.

އިހަވަންދޫގައި ރަހުމުކުޑަ ގޮތަކަށް މަރާލި އިއްސެ - ފޮޓޯ: ރާއްޖެ އެމްވީ

އިއްސެ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ މަސައްކަތް ކުރާ އައިސްޕްލާންޓުގެ ތެރޭގައެވެ.

ފަހުން ސުމޮންމިއާ ވަނީ އޭނާ ކުށަށް އިއުތިރާފްވީ ފުލުހުން ބިރު ދައްކައި އޭނާއަށް އަނިޔާ ކުރުމުން ކަމަށް ބުނެފައެވެ. އަދި ދައުލަތުން އުފުލާފައިވާ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް ސުމޮންމިއާ އިންކާރު ކުރިއެވެ.

އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ސުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އޭނާ ހޯދަން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން އޭނާ ފިލައިގެން ދިޔައީ ކަމުގައި ރަށު ރައްޔިތުންނަށް ވެސް ގަބޫލު ކުރެވުނެވެ. އޭގެ ފަހުން އޭނާ ހައްޔަރު ކުރީ ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ.