މިއަދު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން މިއަދު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތަށް ފުލުހުން ފޯރިމަރަމުން ދިޔަ ވަގުތު އެހެން ބަޔަކު ވަދެ އެ ހަރަކާތް ހުއްޓުވާފައިވާއިރު، ފުލުހުން ވަނީ އެއީ އިދިކޮޅު ކޯލިޝަނުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ބަޔާން ނެރެފައެވެ.

"މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައި ވަނީ ޕީޕީއެމްގެ އޮފީހުންކަން އެނގިފައި" ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެއީ ޕީޕީއެމުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އެކަމަކީ ސަރުކާރުން ނުވަތަ ބަޔަކު މީހުން ރާވައިގެން އެކޯލިޝަންގެ އަގު ވައްޓާލަން ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދުރޭ ވަނީ ޔޯގާ ހަރަކާތް ހުއްޓުވީ ކޮންބައެއްތޯ ބަލައި އެފަރާތްތަކާއި މެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ބައްދަލުވުމުގައި ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ހަމަ ގޮވާލަން މިހާރުން މިހާރަށް މިކަން ތަހުގީގު ކުރަން. މާ ބޮޑަށް ލަސްވެސް ވެއްޖެ ތަހުގީގު ކުރަން. މިއީ ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް. އަޅުގަނޑުމެންގެ ފަރާތުން ލިބެން ޖެހޭ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް މި ތަހުގީގަށް ލިބޭނެ" އަދުރޭ ވިދާޅުވިއެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި މިހާތަނަށް ހަ މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، ހައްޔަރު ކޮށްފައިވަނީ ކޮންބައެއްކަން އިދިކޮޅަށް ނޭނގޭ ކަމަށް ވެސް އަދުރޭ ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Happy 123

    ޢަދުރޭމެން ކުރި ކަމެއް

    3
    9