އއ. ފެރިދޫގައި ވިޔަފާރީގެ ބޭނުމަށް ދޫނި ސޫފާސޫފި އާއި ޖަނަވާރު ބޭނުންކުރާ ނަމަ ފީ އެއް ދައްކަން ޖެހޭގޮތަށް އެ ރަށު ކައުންސިލުން ގަވައިދެއް އެކުލަވާލައިފިއެވެ.

"ރަށުގައި ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދު" ގެ ނަމުގައި ފެރިދޫ ކައުންސިލުން ވަނީ ގެޒެޓްގައި އެ ގަވައިދު އާންމުކޮށްފައެވެ.

އެ ގަވައިދުގައިވާ ގޮތުން، ވިޔަފާރީގެ ބޭނުމަށް އެ ރަށުގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެވޭނީ ކައުންސިލްގެ ހުއްދަ ހޯދައި، ދައްކަންޖެހޭ ފީ ކައުންސިލަށް ދެއްކުމަށް ފަހުގައި ކަމަށް ބުނެފައި ވެއެވެ.

އަދި ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ފެރިދޫގެ ވަލުތެރޭގައި ކޮށި އެޅުމަކާ ނުލައި ނުވަތަ ކޮށި އަޅައިގެން ވަކި ފަރާތަކަށް ނިސްބަތްވާ ގޮތަށް ގެންގުޅެމުންދާ ދޫނިސޫފާސޫތްޕާއި ކުކުޅާއި ބަކަރި ފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން، ކޮށިއަޅައިގެން އެ ތަކެތި ގެންގުޅޭނެ ތަނެއް ހޯދުމަށް ހުށްހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ތަކެތި ގެންގުޅުމަށް ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކައުންސިލުން ބިން ދޫކުރާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.

ވިޔަފާރިއަށް ދޫނި ސުފާސޫފި ގެންގުޅޭނަމަ 1500 ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންޖެހެއެވެ. ނައަމްސޫފާސޫފީގެ ބާވަތައް ގެންގުޅޭ ނަމަ 3000 ރުފިޔާ ދައްކަން ޖެހެއެވެ.

މަސްމަހާމެހި ގެންގުޅޭ ނަމަ 1،500 ރުފިޔާ އަދި އެހެނިހެން ޖަނަވާރު ގެންގުޅޭ ނަމަ 1،000 ދައްކަން ޖެހެއެވެ.

އެ ގަވައިދަށް އަމަލުކުރަން ފެށުމަށް ފަހު، އެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ހުއްދަ ނުނަގައި ފެރިދޫގައި ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅުން މަނާ ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މުނިފޫހިފިލުވުމުގެ ބޭނުމަށް ނުވަތަ ޕެޓުގެ ގޮތުގައި، ކައުންސިލުން ކަނޑައަޅާ އެކަށީގެންވާ މަދު އަދަދަކަށް ޖަނަވާރާއި ދޫނި ފަދަ ތަކެތި އަމިއްލަ ގޯތީގައި ކައުންސިލްގެ ހުއްދައަކާއި ނުލައި ގެންގުޅެވޭނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު ދުފާ

    ވަރައް ރަނގަޅު ނިންމުމެއް، ރާއްޖޭގެ ހުރިހާ ރަށެއްވެސް ތިގަވައިދައް ފައްތަންވާނެ،
    އަހަރެންގެ ރަށުގަވެސް ދޫނިވިއްކާމީހުން ވަރައް ގިނަ، މީރާ އައްދައްކަން ޖެހޭ ފައިސާއެއްނޯވެ،
    އެކަމު ވިޔަފާރި ގެތަކުން ބަރާބަރައް މީރާ އައް ފައިސާ ދައްކަންޖެހޭ،

    2
    2