މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިރޭ ވެސް ބޮޑު ސަރަހައްދަކަށް ވައި ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައިވާ އަތޮޅުތަކަށް ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ވަނީ 15 އަތޮޅަތަކަށް ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފައެވެ. ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ މިރޭ ފަތިހު 04:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މިއަދު މެންދުރު ފަހު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، ވަނީ އުދަ ވެސް އަރާފައެވެ. އުދަ އެރުމުގެ ސަބަބުން އައްޑޫ ސިޓީ އާއި އަދި ބައެއް އެހެން އަތޮޅުތަކުގެ ރަށްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ދެންމެ ހުދު ސަމާލު ނެރެފައި ވާއިރު ރ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިރޭ މެންދަމު 00:00 އާއި ހަމައަށް ވަނީ ރީންދޫ ސަމާލު (ޔެލޯ އެލާޓް) ވެސް ނެރެފައެވެ. ރީންދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް 55 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މިދުވަސްވަރު ކަނޑުތައް ވަރަށް ބޮޑަށް ގަދަވެފައި ވާތީ ކަނޑު ދަތުރުތައް ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ކޯސްޓްގާޑުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.