އުތުރުގެ އަތޮޅުތަކަށް ނެރެފައިވާ ރީންދޫ ސަމާލު (ޔެލޯ އެލާޓް)ގެ ވަގުތު މިރޭ 00:00 ގައި ހަމަވާތީ ސަމާލުގެ ދަރަށް ދަށްކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މެޓް އޮފީހުން ދެންމެ ނެރުނު ސަމާލުގައި ވަނީ ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިރޭ ފަތިހު 04:00 އާއި ހަމައަށެވެ. ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ މިރޭ ފަތިހު 04:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެސަރަހައްދަށް ވެސް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މިއަދު މެންދުރު ފަހު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، ވަނީ އުދަ ވެސް އަރާފައެވެ. އުދަ އެރުމުގެ ސަބަބުން އައްޑޫ ސިޓީ އާއި އަދި ބައެއް އެހެން އަތޮޅުތަކުގެ ރަށްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.