މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އަބްދުލްރަހީމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ހުކުމް ކުރުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން މިއަދު ފަސް ކުރީ އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަލާމުގައި ހުންނެވުމުންނެވެ.

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

އެ މައްސަލައިގެ ހުކުމް އެންމެ ފުރަތަމަ އިއްވަން ހަމަޖެއްސީ މިދިޔަ މާޗް 31 ގައެވެ.

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަމަކީ، ނަދީމަށް ހަމަލާ ދިނީ މަފާޒް ކަން އެނގޭ ކަމަށާއި، ދެން ތިބި މީހުން އޭނާއާއި އެކު ބައިވެރިވާ ކަމުގައެވެ. ތިން ސައިކަލެއްގައި ހަ މީހަކު ދިޔައިރު، މަފާޒްއާއި ނިފާޒް ކެފޭ ތެރެއަށް ވަން ކަމަށް ދައުލަތުން ބުންޏެވެ.

މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެއެވެ. އެ ދައުވާ ސާބިތުނުވެ ދައުވާގައި ހިމެނޭ އެހެން ކަމެއް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.