މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އަބްދުލްރަހީމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ހުކުމް ކުރުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒްގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އަދި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްްޗަށެވެ.

އެ މައްސަލާގެ ހުކުމް އިއްވަން މިއަދަށް ތާވަލް ކުރި ޝަރީއަތް ފަސް ކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. މިކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ނުލިބެއެވެ.

އެ މައްސަލައިގެ ހުކުމް އެންމެ ފުރަތަމަ އިއްވަން ހަމަޖެއްސީ މިދިޔަ މާޗް 31 ގައެވެ. އޭގެފަހުން މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ވެސް ހުކުމް އިއްވަން ތާވަލްކުރިއެވެ. އެފަހަރު ވެސް ހުކުމް ނުކުރެވި، އެ މައްސަލައިގައި ހުކުމް ކުރަން އޮގަސްޓް މަހު ވެސް ތާވަލް ކުރިއެވެ.

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަމަކީ، ނަދީމަށް ހަމަލާ ދިނީ މަފާޒް ކަން އެނގޭ ކަމަށާއި، ދެން ތިބި މީހުން އޭނާއާއެކު ބައިވެރިވާ ކަމުގައެވެ.

ތިން ސައިކަލެއްގައި ހަ މީހަކު ދިޔައިރު، މަފާޒް އާއި ނިފާޒް ކެފޭ ތެރެއަށް ވަން ކަމަށް ދައުލަތުން ބުންޏެވެ.

މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެއެވެ. އެ ދައުވާ ސާބިތުނުވެ ދައުވާގައި ހިމެނޭ އެހެން ކަމެއް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.