ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތި ދުވަހު ހުޅުވާނެ ކަމަށް އެހޮސްޕިޓަލް ހިންގާ ކުންފުނިން ބުނެފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ވެގެން ދާނީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލަށެވެ. 110 މިލިއަން ޑޮލަރު ހޭދަކޮށްގެން ހުޅުމާލޭގައި މިހޮސްޕިޓަލް ތަރައްޤީ ކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ހިމެނޭ ކުންފުންޏަކުންނެވެ. އެކުންފުނީގެ ހިއްސާދާރުންގެ ގޮތުައި ހިމެނެނީ ރާއްޖޭގެ މަހުޖަނުން ކަމަށް ވާ ޗަމްޕާ ހުސެން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްގަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާ އެވެ.

މިހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ.

މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހޮސްޕިޓަލްގެ އިސްވެރިން ވިދާޅުވީ ހޮސްޕިޓަލް ހުޅުވާއިރު އާސަންދަގެ ހިދުމަތް ދެވޭނީ އެޑްމިޓްކޮށްގެން ފަރުވާ ހޯދަ ބަލި މީހުންނަށް އެކަންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެޔޮ ބަދަލު

    ތިހޮސްޕިޓަލުގެ ސަބަބުން ގައިމު ލައްކަ ފައިސާ ގައުމުގެ އެތެރޭގަ ހިފެހެއްޓޭނެ..! އޭގެ ސަބަބުން އިގުތިސާދަށް ހެޔޮ އަސަރު ކުރާނެ..! ޝުކުރިއްޔާ ޓްރީ ޓޮޕް ޓީމް

  2. ރާސްތާ

    އެޑްމިޓް ކޮށްގެން ފަރުވާދޭމީހުންނަށް އެކަނި އާސަންދަ ދޭކަމަށްޓަކާ ޝުކުރުކުރަން.