ބަރަހަނާ ފޮޓޯ ލީކް ކުރާނެކަމުގެ އިންޒާރުދީ ލޯބިވެރިޔާ ބްލެކްމެއިލްކުރި މީހެއްގެ މައްޗަށް ދައުލަތުން އުފުލި ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެދައުވާ ކުރީ އައްޑޫ ސިޓީ ހުސެއިން ޒާއިދު ޒަރީރު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ 2015 ވަނަ އަހަރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާގެ ބަރަހަނާ ފޮޓޯ ނަގައި، އެފޮޓޯތައް ލީކް ކުރާނެ ކަމުގެ އިންޒާރުދީ ބްލެކްމެއިލް ކުރިކަމަށް ބުނެއެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި ޒާއިދު ވަނީ ލޯބިވެރިޔާގެ ކޮއްކޮގެ ބަރަހަނާ ފޮޓޯ ވެސް ފޮނުވުމަށާޢި އަދި ލޯބިވެރިޔާގެ ބައްޕަ އާއި ޖިންސީ ގުޅުން ހިންގުމަށް ވެސް ލޯބިވެރިޔާ ކައިރިން އެދިފައެވެ. އެކަންކަން ނުކޮށްފިނަމަ ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯތައް ލީކް ކުރާނެ ކަމުގެ އިންޒާރު އޭނާ ދީފައިވާ ކަމަށް އަނިޔާ ލިބުނު އަންހެން މީހާ އާއި އޭނާގެ އެކުވެރިޔަކު ކޯޓުގައި ހެކިބަސް ދިނެވެ. އަދި ފުލުހުން ވެސް ވަނީ ފޮރެންސިކް ރިޕޯޓްތަކާއި، ތަހްގީގުން ފާހަގަވި ކަންކަން ބަޔާންކޮށް ކޯޓުގައި ހެކިބަސް ދީފައެވެ.

މިމައްސަލައިގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރު ނުކުރެވުމުން ދައުލަތުން އެދުނީ އެމީހުންގެ ތަހްގީގު ބަޔާންތަކަށް ރިއާޔަތް ކޮށްދިނުމަށެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ނިންމެވީ ސިއްރު ހެކިންގެ ބަޔާންތައް ދައުވާ ރައްދުވާ ފަރާތައް ފެނިފައި ނުވާނެތީ އެމީހުންގެ ބަޔާނަށް ރިއާޔަތް ނުކުރުމަށެވެ.

ދައުވާ ލިބުނު ޒާއިދުއަށް ފުލުހުން ގާނޫނީ އިންޒާރު ދީފައި ނުވާކަން ވެސް މައްސަލައިގެ ހުކުމުގައި ފާހަގަ ކޮށްފައި ވެއެވެ. ގާޟީ ވިދާޅުވީ މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިގެންދާއިރު ތުހުމަތު ކުރެވުނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކަށްކަން އެމީހަކަށް އެނގެން ޖެހޭނެ ކަމަށެވެ.

މައްސަލައިގެ ތަހްގީގު ވެސް ފުލުހުން އޮތީ އިތުރު ގޯހެއް ހަދާފައެވެ. އެއީ އަނިޔާ ލިބުނު އަންހެން މީހާއަކީ ބުރުގާ އަޅައިގެން އުޅޭ އަންހެނެއް ކަމަށްވާއިރު އޭނާގެ ބަރަހަނާ ފޮޓޯތައް އެނަލައިޒް ކުރަން ބުރުގާ އަޅައިގެން ހުރި ފޮޓޯއެއް ބޭނުން ކުރުމެވެ. އެކަމުގެ ސަބަބުން ފޮޓޯތައް އަޅައި ކިޔުމުގައި އެއްގޮތް ސިފަތައް މަދުކަމަށް ފޮރެންސިކް ތަހްލީލް ރިޕޯޓުން ދެއްކިއެވެ.

މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޟީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް މިމައްސަލަ ސާބިތުނުވާ ކަމަށެވެ.

ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުވިނަމަ އޭނާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    ގާޒީ ތިބުނަނީ ވިކްޓިމް އިތުރަށް ވިކްޓިމައިޒް ކުރަންތޯ، އެ އަންހެން ކުއްޖާ އެފޮޓޯތަކުގައި އެހުރީ އޭނާ ކަމަށް އިއުތިރާފްވާނަމަ، ގާޒީ ކޮން ސުވާލެއްތޯ އުފައްދަންވީ؟ ރާއްޖޭގައި އެހެން ގައުމުތަކުގައި ކަންތައް ކުރާގޮތްތައް އެބަ ދަސްކުރަން ޖެހޭ.

  2. ކޯޓުން ސާބިތު ނުކުރެވޭ އިރު ހަބަރުގެ ސުރުހީގަ އެއޮތީ ކީކޭބާ..؟

  3. Anonymous

    ސަދޫމު ވރިކަމެއްގައި ހިންގާނީސަދޫމު ޝަރީއަތް ނޫންތަ؟؟