ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ބަރުލަމާނީ ސިފަތަކާ ދުރަށް ނުދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ އިރު އެ ގަރާރަ ގުޅޭ ގޮތުން ކޮންގްރެސް އިން މިއަދު ގޮތެއް ނިންމާނެއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހު ކުުރުމަށް ހުށަހެޅި އިސްލާހުތަކާ ގުޅޭ ގޮތުން މިއަދު ކޮންގްރެސްގައި ކުރި ބަހުސްގައި ނަޝީދު ވިދާޅުވީ މިއަދު ހުށަހެޅި އިސްލާހުތަކަކީ ބޭނުންތެރި އިސްލާހުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެ އިސްލާހުތަކުން ވެސް އެންމެ ބޮޑަށް ފާހަގަވާ އެއް ސިފައަކީ އެމްޑީޕީއަށް ބަރުލަމާނީ ސިފަތަކަކާ ދުރެއް ނުދެވުން ކަމުގައި ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ އިސްލާހުތައް ހުށަހެޅުމުގައި އެމަނިކުފާނު ގާތް ވެސް ނުވާ ކަމަށެވެ.

އަދި އިސްލާހުތަކުން އެނގެނީ ހެޔޮ ރަނގަޅު މަސައްކަތެއް ކުރެވިފައިވާ ކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅީ އެ މަސައްކަތަށް ތާއިދުކޮށްގެން ކުރިއަށް ދިއުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރުޅާލުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެމްޑީޕީގެ ތެރެއިން ވެސް މާބޮޑު ތާއީދެއް ނެތެވެ. އެމަނިކުފާނު ހުށަހެޅުއްވި ގަރާރު އަނބުރާ ނަގަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިއަދުގެ ކޮންގްރެސްގައި ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްގައި ގޮފިތަކުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންފައި ވަނީ ގަވައިދާ ހިލާފަށް ވެސް ވިދާޅުވެފައެވެ.

ނަޝީދު އެހެން ވިދާޅުވުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ތިބި ކޮންގްރެސްގެ ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ އަޑު ގަދަކޮށްފައެވެ. އަދި ނަޝީދުގެ ވާހަކަފުޅު ހުއްޓުވަން މަސައްކަތް ކުރިއެވެ. ބައެއް މެމްބަރުން ވަނީ އަތުގެ އިޝާރާތުން ތި ހަދަނީ ދޮގެއް ކަމަށް ބުނެ ނަޝީދަށް ރައްދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    ގާނޫނުއަސަސީގެ 115 ވަނަމާއްދާގެ ހ ގަ ވަނީ ސަރުކާރުގެ ހުރިހާ އިދާރާތައްގުޅިގެން ހިންގުނތެރިކަމައެކު މަސައްކަތް ކުރޭތޯ ބެލުން މިހެން ގާނޫނުއަސާސީގަ ރައީސަށް ބާރުދީފަ އޮއްވާ ރައްޔިތުންގެ މަޖިލީހުގަ ކޮމިޓީ ހައްދައިގެން މަޖިލީހުގަ މިކަން ކުރުމަކީ ގާނޫނުއަސާސިއާއި ހިލާފު ކަމަކަށް ނުވޭބާ؟ ބަރުލަމާނީ ހަދައިގެ ބޮޑުވަޒީރުކަން ކުރާހިތް ކިތަންމެ ވަރަކަށް ވިޔަސް ރާއްޖޭގަ އޮތް ދުސްތުރާ ހިލާފު ވާނަމަ ބަގާވާތެއް ގެނައީކަމަށް ބެލުމުގެ ފުރުސަތު ނެތް ކަމަށް ބެލިދާނެބާ؟

  2. Anonymous

    ދެން ކޮއްމެހެން. ބަރލުލަމާނީ ގެންނަން އުޅޭނެކަމެއްނެތް . ޕާޓީގައި އެ ސިފަހުރިކަމަށް ތިވިދާޅުވަނީ. އެހެންވީމަ އޯކޭ ކިޔާފަ ނިންމާލަމާ.

  3. އަބްދޫ

    މަޖިލީހުގަ ދާއިމީ ކޮމިޓީ ތަކެއް ހަދައިގެން ދެއިރު ދެދަލަޔަށް މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުން ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ހ އާއި ހިލާފު.އޮފިސްތައް ރަނގަލަށް ހިގާތޯ ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފަ ވަނީ ރައީސުލްޖުމްހުރިއްޔާއާއި.