ރޭޕްގެ ތުހުމަތުގައި ހައްޔަރުކުރި ނޭޕާލް ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ސަންދީޕް ލަމިޗާން ސަސްޕެންޑު ކޮށްފިއެވެ.

ކްރިކެޓް އެސޯސިއޭޝަން އޮފް ނޭޕާލް އިން ނެރުނު ބަޔާނެއްގައި ބުނީ، ރޭޕްގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ނޭޕާލް ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ސަންދީޕް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

އުމުރުން 22 އަހަރުގެ ސަންދީޕް ހައްޔަރު ކޮށްފައި ވަނީ ކަތަމަންޑޫ ޑިސްޓްރިކްޓް ކޯޓުން މިއަދު ނެރުނު އަމުރަކާ ގުޅިގެން ރޭޕް ކޭސްގެ ތަހުގީގަށެވެ.

މިދިޔަ އަހަރު ނޭޕާލް ކްރިކެޓް ޓީމުގެ ކެޕްޓަންކަމާ ހަވާލުވި ސަންދީޕްގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ މަހުގެ ތެރޭގައި ކަތަމަންޑޫގެ ހޮޓަލެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށެވެ.

ސަންދީޕް ރޭޕްކުރި ކަމަށް ބުނެ ނޭޕާލް ފުލުހުގައި މައްސަލަ ޖައްސާފައި ވަނީ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ 17 އަހަރުގެ އަންހެން ކުއްޖާ ކަމަށް ނޭޕާލް ފުލުހުން ބުނެއެވެ.

މި މައްސަލައާއެކު ސަންދީޕްގެ ކްރިކެޓް ކެރިޔަރު ނިމުމަކަށް އައިސްފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.