ނޭޕާލްގެ މައުންޓް އެވަރެސްޓް ސަރަހައްދު ކައިރިން ހެލިކޮޕްޓަރެއް ގެއްލިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހަ މީހުންނާއެކު ދަތުރުކުރީ ޕްރައިވެޓް ކޮމާޝަލް ހެލިކޮޕްޓަރެއް ކަމަށް އޭވިއޭޝަން އޮފިޝަލުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ މެކްސިކޯއަށް ނިސްބަތްވާ މީހުންނެވެ.

މަނަންގް އެއާ ހެލިކޮޕްޓަރު 9އެން-އޭއެމްވީ ގެއްލުނުއިރު، މި ހެލިކޮޕްޓަރު ފުރާފައި ވަނީ ހެނދުނު 10:04 ގައި ސޮލޫޚުނބު ޑިސްޓްރިކްޓްގެ ސުރްކޭ އެއާޕޯޓުން ކަތުމަންޑޫއަށެވެ.

ނަމަވެސް ކުއްލިއަކަށް 12،000 ފޫޓަށް ވުރެ އުސްމިނުގައި އެ ހެލިކޮޕްޓަރު ދަތުރު ކުރަމުން ދަނިކޮށް ގުޅުން ކެނޑުނީ ހެނދުނު 10:13 ހާއިރެެވެ.

ހެލިކޮޕްޓަރުގައި ތިބި ފަސިންޖަރުންނަކީ މެކްސިކޯގެ ފަސް މީހުން ކަމަށް ރިޕޯޓްތައް ބުނާއިރު، އެ މީހުންގެ ވަނަވަރު އަދި ހާމަކޮށްފައި ނުވެއެވެ.

"މަނަންގް އެއާގެ ހެލިކޮޕްޓަރު ކޮންޓެކްޓް ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ، ޓަވަރާ އެއްވެސް ކޮންޓެކްޓެއް ނެތް، ލަމްޖޫރާ ޕާސްއާ ހަމައަށް ދިޔައިރު ހެލިކޮޕްޓަރު ލިބުނީ ހަމައެކަނި ވައިބާގައި "ހެލޯ" މެސެޖެއް ކަމަށް ރިޕޯޓްކޮށްފައި ވޭ، ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ.". ޓީއައިއޭގެ ތަރުޖަމާނު ޓެކްނަތު ސިތައުލާ މައި ވިދާޅުވިއެވެ.

1997 ވަނަ އަހަރު އުފެދުނު މަނާންގް އެއާ އަކީ ކަތުމަންޑޫގައި އޮޕަރޭޓް ކުރަމުންދާ ހެލިކޮޕްޓަރު އެއާލައިނެކެވެ. ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުގެ ދަށުން ނޭޕާލް ސަރަހައްދުގެ ތެރޭގައި ކޮމާޝަލް ވައިގެ ދަތުރުފަތުރުތަކަށް ހެލިކޮޕްޓަރު އޮޕަރޭޓް ކުރަމުން ދެއެވެ.