ނޭޕާލްގެ މައުންޓް އެވަރެސްޓް ކައިރިއަށް ގެއްލުނު ހެލިކަޕްޓަރު ވެއްޓިފައިވާ ކަމަށާއި، އޭގެން ދަތުރު ކުރި ހަ މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހަ މީހުންނާއެކު ދަތުރުކުރި ޕްރައިވެޓް ކޮމާޝަލް ހެލިކޮޕްޓަރު ގެއްލިގެން ފުރަތަމަ ރިޕޯޓް ކުރިއެވެ. އޭގެން ޖުމްލަ ހަ މީހަކު ދަތުރު ކުރިއިރު އޭގެ ތެރެއިން ފަސް މީހުންނަކީ މެކްސިކޯއަށް ނިސްބަތްވާ މީހުންނެވެ.

މަނަންގް އެއާ ހެލިކޮޕްޓަރު 9އެން-އޭއެމްވީ ގެއްލުނުއިރު، މި ހެލިކޮޕްޓަރު ފުރާފައި ވަނީ ހެނދުނު 10:04 ގައި ސޮލޫޚުނބު ޑިސްޓްރިކްޓްގެ ސުރްކޭ އެއާޕޯޓުން ކަތުމަންޑޫއަށެވެ.

ނަމަވެސް ކުއްލިއަކަށް 12،000 ފޫޓަށް ވުރެ އުސްމިނުގައި އެ ހެލިކޮޕްޓަރު ދަތުރު ކުރަމުން ދަނިކޮށް ގުޅުން ކެނޑުނީ ހެނދުނު 10:13 ހާއިރެެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މަރުވި ހަ މީހުންގެ ހަށިގަނޑު ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހޯދައިފައެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ އިރު އުތުރުގައި އޮންނަ ލިކްކޫ ކައިރިއަށް މި ހެލިކޮޕްޓާރު ވެއްޓުނު ސަބަބެއް އަދި ނޭނގެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ސަރުކާރުން ތަހުގީގު ކޮމިޓީއެއް އެކުލަވާލާނެ ކަމަށް ސިވިލް އޭވިއޭޝަން ރެގިއުލޭޓަރުން ވަނީ ބުނެފައެވެ.

ރޫރަލް މުނިސިޕަލްޓީގެ ޑެޕިއުޓީ ޗެއާ ނަވާންގް ލަކްޕާ ޝެރްޕާއާ ހަވާލާދީ "ދަ ޕޯސްޓް" ރިޕޯޓުގައި ބުނެފައި ވަނީ މި ހެލިކޮޕްޓަރު ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ ލަމްޖޫރާގެ ޗިހަންޑަންޑާ އިން ކަމަށެވެ.

ރިޕޯޓެއްގައި ބުނެފައިވާގޮތުން ހެލިކޮޕްޓަރު ފަރުބަދަމަތީގައި ހުރި ގަހެއްގައި ޖެހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.