ފާއިތުވި 20 އަހަރުގެ ތެރޭގައި ނޭޕާލުގެ 15 ބޯޓެއް ވެއްޓިފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެެއާއެކު އެންމެ ގިނައިން ބޯޓު ވެއްޓުމުގެ ރެކޯޑް އޮތީ ނޭޕާލް އަށެވެ.

މިދިޔަ އަންގާރަ ދުވަހުވެސް ވަނީ ނޭޕާލުގެ ބޯޓެއް ވެއްޓި ވަނީ އޭގައި ދަތުރުކުރި 72 މީހުން މަރުވެފައެވެ.

ޔެޓީ އެއާލައިންސް އިން އޮޕަރޭޓް ކުރާ ދެ އިންޖީނުލީ އޭޓީއާރު މަތިންދާ ބޯޓު އޭރު ދަތުރު ކުރަމުން ދިޔައީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އަށެވެ.

އޭގެ ކުރިން މިދިޔަ އަހަރު ނޭޕާލްގެ ތާރާ އެއާލައިންގެ ބޯޓެއް ވެއްޓި 22 މީހުން މަރުވިއެވެ.

އިތުރު ހާދިސާތައް:

  • - ސަމިޓް އެއާލައިންގެ ބޯޓެއް 2019 ގައި ވެއްޓި ތިން މީހުން މަރުވި.
  • - ތާރާ އެއާގެ ބޯޓެއް 2016 ވަނަ އަހަރު ވެއްޓި 23 މީހުން މަރުވި.
  • - ނޭޕާލް އެއާލައިންސްގެ ބޯޓެއް 2014 ވަނަ އަހަރު ވެއްޓި 18 މީހުން މަރުވި.
  • - ސިތާ އެއާލައިންގެ ބޯޓެއް 2012 ގައި ވެއްޓި 19 މީހުން މަރުވި.
  • - އަގްނީ އެއާލައިންގެ ބޯޓެއް 2012 ގައި ވެއްޓި 15 މީހުން މަރުވި.
  • - ބުއްދާ އެއާގެ ބޯޓެއް 2011 ވަނަ އަހަރު ވެއްޓި 19 މީހުން މަރުވި.
  • - ތާރާ އެއާގެ ބޯޓެއް 2010 ވަނަ އަހަރު ވެއްޓި 22 މީހުން މަރުވި.
  • - އަގްނީ އެއާލައިންގެ ބޯޓެއް 2010 ގައި ވެއްޓި 14 މީހުން މަރުވި.

އޭވިއޭޝަން އެކްސްޕާޓުން ބުނާ ގޮތުގައި ނޭޕާލް އޮންނަ ހިސާބު އުސް ކަމާއި އަދި އެ ސަރަހައްދުގެ މޫސުން ހުންނަ ގޮތުން ވެސް ބޯޓު ދުއްވުމަކީ އުނދަގޫ ކަމެއް ކަމަށެެވެ. އެެހެންކަމުން ބޯޓު ވެއްޓުމުގެ ހާދިސާތައް އާދަޔާ ހިލާފަށް ގިނައީއެވެ.

އޭގެ އިތުރުން ސަލާމަތީ އިކުއިޕްމަންޓްވެސް އެހާ ރަނގަޅުނުވުމަކީ އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ކަމެއް ކަމަށް ވެސް އެކްސްޕާޓުން ބުނެއެވެ.