އިއްޔެ ވެއްޓުނު ނޭޕާލްގެ މަތިންދާބޯޓްގެ ކަޅުފޮއްޓާއި، ފްލައިޓް ޑޭޓާތައް މިހާރު ފެނިފައިވާ ކަމަށް ނޭޕާލްގެ އޮފިޝަލުން ބުނެފިއެވެ.

ވެއްޓުނު މަތިންދާބޯޓުން 72 މީހުން ދަތުރުކުރިއެވެ. މިހާތަނަށް އަދި ފެނިފައި ވަނީ 68 މީހެއްގެ ހަށިގަނޑެވެ. ތިން މީހެއްގެ ހަށިގަނޑު އަދި މިހާތަނަށް ނުފެންނަ ކަމަށާއި ނަމަވެސް އެމީހުން ވެސް ދިރިތިއްބާ ފެންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޮފިޝަލުން ބުނެއެވެ.

މަތިންދާބޯޓް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވޭނީ ކޮކްޕިޓް ރެކޯޑަރާއި ފްލައިޓްގެ މައުލޫމާތުތައް ރައްކާ ކުރެވިފައިވާ ރެކޯޑަރުން ތަހްގީގަށް ބޭނުންވާ މައުލޫމާތު ލިބުމުންނެވެ. އަދި މިހާތަނަށް މަތިންދާބޯޓް ވެއްޓެން މެދުވެރިވި ސަބަބު ލަފާކުރާކަށް ވެސް ނޭނގެއެވެ.

މަތިންދާބޯޓް ވެއްޓުނީ އެއާޕޯޓުން އުދުއްސާލިތާ މިނެޓެއްހައިއިރު ފަހުންނެވެ.

ނޭޕާލްގެ މީޑިއާ އާއި ވާހަކަދެއްކި ތަޖުރިބާކާރުން ޕައިލެޓަކު ވިދާޅުވީ މަތިންދާބޯޓް ވެއްޓެން މެދުވެރިވި ސަބަބަކީ މަތިންދާބޯޓްގެ ސްޕީޑް މާބޮޑަށް މަޑުކޮށްފައި ހުރުން ކަމަށް ވެދާނެ ކަމަށެވެ.

ނޭޕާލް އަކީ ފަރުބަދަތައް ގިނަ ގައުމަކަށް ވުމުން އެގައުމުގައި މީގެ ކުރިން ވެސް މަތިންދާބޯޓް ވެއްޓުމުގެ ގިނަ ހާދިސާތަކެއް ހިނގާފައި ވެއެވެ. އެފަދަ ގިނަ ހާދިސާތައް ހިނގާފައި ވަނީ މޫސުން ގޯސްވެ، ދުރު ނުފެންނަ ހާލަތްތަކުގައެވެ. ނަމަވެސް އިއްޔެ މަތިންދާބޯޓް ވެއްޓުނު އިރު މޫސުން ވެސް ރަނގަޅު ކަމަށާއި، މޫސުން ގޯސްވެގެން މަތިންދާބޯޓެއް ވެއްޓެން ޖެހޭވަރުގެ ހާލަތެއް ނެތް ކަމަށް ނޭޕާލްގެ މީޑިއާތަކުން ބުނެއެވެ.

އިއްޔެ ނޭޕާލްގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ އެވެ. އިއްޔެ ހިނގި މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ކުރިން ހިނގި އެންމެ ހިތާމަވެރި ހާދިސާ އަކީ 1992 ވަނަ އަހަރު ނޭޕާލްގެ ވެރިރަށް ކަތަމަންދޫ ކައިރިއަށް ޕާކިސްތާން އެއާލައިންގެ މަތިންދާބޯޓެއް ވެއްޓިގެން ހިނގި ހާދިސާ އެވެ. އެހާދިސާގައި 167 މީހުން މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެކްސްޕާޓް

    ފްލައިޓް ޖައްސަނިކޮށް މީހަކު ލައިވް ސްޓްރީމް އެއް ކުރިކަމަށް މައުލޫމާތު ލިބިފަވޭ. ކޮންމެވެސް ކަމަކު ފްލައިޓްގައި ނެޓްވޯރކް ބޭނުން ނުކުރަން އިރުޝާދު ދީފައިވޭ

    13
    1