އެމްޓީސީސީން އިސްނަގައިގެން ސުކޫލް ނިންމާ ކުދިންނަށް އަމާޒުކޮށްގެން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ކުދިންނަށް އަސާސީ ހުނަރު އާލާކުރުމުގެ މަގުސަދުގައި "ހުނަވަރު" ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

އެމްޓީސީސީއިން ހުނަވަރު ޕުރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރެވެ.

ހުނަވަރު ޕުރޮގްރާމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ ޒުވާނުން މަސައްކަތްތެރިކަމުގެ ހުނަރު އަށަގަނެ ވަޒީފާތަކަށް ނެރުމުގެ މަސައްކަތެއް މިއަދު ފެށިގެން ގޮސްފައިވާ ކަމަށެވެ.

"އިންޑަސްޓުރީތަކުން އެފަރާތްތަކަށް ބޭނުންވާ ހުނަރުތައް ދެނެގަނެ އެހުނަރުތަކަށް ތައުލީމް ދޭ މުއައްސަަސާތަކުން އެމަސައްކަތް ކުރަމުން މިދަނީ" ނަޒީރު ވިދާޅުވިއެވެ.

ނަޒީރުގެ ވާހަކައިގައި ވަނީ ފާއިތުވެދިޔަ ހަތަރު އަހަރު ފާހަގަކޮށްލެވޭ ފަދަ ބޮޑެތި މަޝްރޫއުތަށް ހިންގަމުން އަންނަ ކަން ފާހަގަ ކުރައްވާފައެެވެ.

" ކުރިޔށްގެންދާ މަޝްރޫއު ތަކަށް ނަޒަރު ހިނގާލާއިރު އެމަޝްރޫއުތަކަށް ދެމެހެއްޓެނިވި ގޮތަކަށް ހިންގުމަށް ތަފާތު ހުނަރުތައް ބޭނުންވޭ. އެގޮތުން އެއާޕޯޓް މަޝްރޫއު ، ޔޫތުސިޓީ ، ރާޢްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުން އަންނަ ބަނދަރުތައް، ސިއްހީ ދައިރާ ތަރައްގީ ކުރުމަށް އަޅަމުންދާ އިމާރާތްތަކަށް ބެލިޔަސް އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރަންޖެހޭ. އެގޮތުން ރައީސް ޔާމިންގެ ސިޔާސަތުގެ ދަށުން އެތަކެއް ތަމްރީން ތަކެއް އެބަ ދަސްވާރުގެ ނަމުގައި ހިންގަމުންދޭ" ނަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވަނީ މިފަދަ ޕުރޮގްރާމްތައް ހިންގުމަގެ މުހިންމު ކަމަށް އަލި އަޅުވާލާފައެވެ.

"އެމްޓީސީސީއިން އިސްނަގައިގެން ފެށި މި ޕްރޮގްރާމްގެ މަގުސަދަކީ ފަންނުވެރި ޒުވާނުން ބިނާކުރުން އަދި ދިވެހި މުޖުތަމައު އަށް ބޭނުންވާ ފަންނުވެރިން އުފެއްދުން. އަދި ވަޒީފާގެ މާހައުލަށް ނެރުމަށް މި ޕުރޮގްރާމްގެ އެހީގައި ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އެކި ދާއިރާތަކުން އަހަރަކު 200 އަށްވުރެ ގިނަ ޒުވާނުން ބިނާކުރުން. އަދި މި ޕުރޮގްރާމްގެ އެހީގައި ގިނަ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ" ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީއިން މައުލޫމާތުދޭ ގޮތުގައި މި ޕުރޮގްރާމަކީ ހުޅުވާލެވިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕުރޮގްރާމް ގައި ބައިވެރިވުމަށް ފޯމު ލިބޭނެ އިންތިޒާމް މިއަދު ހަމަޖެހިގެން ދާނެކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު