ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖްކަމުގައިވާ ކްލީކް ކޮލެޖުގައި މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ކޯސް ފީ ދެއްކުމުގައި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ތައާރަފްކުރި ސްކޮލަޝިޕްތަކާއި، ލޯން ސްކީމް ލިބުނު ދަރިވަރުންނާއި އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު ކްލިކް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަޝިޕްތަކުގެ ސެޓްފިކެޓްތަކާއި ލޯން ސްކީމް ހަވާލުކޮށްދެއްވީ އެ ކޮލެޖްގެ ރައީސް ޑރ. ނައުޝާދް މުހައްމަދުއެވެ.

ކްލިކް ކޮލެޖުން މިއަހަރު ވަނީ ދެ ވައްތަރުގެ ސްކޮލާޝިޕް އާއި ލޯން ސްކީމެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލާޝިޕާއި ޕާޝިއަލީ ސްކޮލާޝިޕެވެ.

ސްކޮލަރޝިޕާއި ލޯން ސްކީމް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަނީ - ވަގުތު އިމޭޖެސް: އަހުމަދު އަލީ

މި ސެމިސްޓާގައި ފުލް ސްކޮލާޝިޕް ލިބިފައި ވަނީ ތިން ދަރިވަރަކަށެވެ. ޕާޝިއަލީ ސްކޮލާޝިޕް ފަސް ދަރިވަރަކަށް ލިބުނުއިރު، ލޯނުގެ އެހީގައި ކިޔަވަން ފުރުސަތު ލިބުނީ އެއް ދަރިވަރަކަށެވެ.

ފުލް ސްކޮލާޝިޕްގެ ދަށުން ދަރިވަރަށް އެ ދަރިވަރު ކުރިމަތިލާ ކޯހުގެ ޖުމްލަ ކޯސްފީ ކޮލެޖުން ދައްކައިދޭއިރު، ޕާރޝަލް ސްކޮލާޝިޕްގެ ދަށުން ދަރިވަރަށް އެ ދަރިވަރު ކުރިމަތިލާ ކޯހުގެ ކޯސްފީގެ 25 ޕަސެންޓް ކޮލެޖުން ދައްކައިދޭނެއެވެ. އަދި ލޯން އެހީގެ ދަށުން ކޯސް ފީގެ 50 ޕަސެންޓް ކޮލެޖުން ދައްކައިދޭނެއެވެ.

ކްލީކް ކޮލެޖުން ބުނީ، ކޮލެޖްގެ ފަރާތުން ފޯރުކޮށްދޭ ފައިސާގެ އެހީއަކީ ދަރިވަރުގެ ކޯސް ނިމުމަށްފަހު ކަނޑައެޅޭ ގޮތެއްގެ މަތިން އަނބުރާ ދައްކަން ޖެހޭ ފައިސާ ތަކެކެވެ.

ކްލީކް ކޮލެޖުގެ ރައީސް ނައުޝާދު ވާހަކަދައްކަވަނީ - ވަގުތު އިމޭޖެސް: އަހުމަދު އަލީ

ކްލީކް ކޮލެޖްގެ ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، ލޯން ސްކީމްތަކަކީ ކްލީކް ކޮލެޖުން ހިންގާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޯސްތަކަށް ކުރިމަތިލާ ކުދިންނަށް ކޯސް ފީ ދެއްކުމުގައި ފަސޭހަ ގޮތް ހޯދައިދިނުމުގެ ގޮތުން ތައާރަފްކުރެވުނު ސްކޮލަރޝިޕްތަކާއި ލޯން ސްކީމެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖްގެ ރައީސް ޑރ. ނައުޝާދް މުހައްމަދު ވިދާޅުވީ، މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންނަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބެލި ކަމަށާއި، އެގޮތުން މި ކޮލެޖްގައި ކިޔަވާ ދަރިވަރުންނަށް މިތަނުގައި ހިންގާ މަތީ ތައުލީމް ކޯސްތައް ކިޔެވޭނެ ފަސޭހަ ފުރުސަތެއް މިތަނުން ލިބޭނެ ގޮތް ހެދުމަށް ސްކޮލަޝިޕްތަކާއި، ލޯން ސްކީމް ތައާރަފްކޮށްފައިވާ ކަމަށެވެ.

ނައުޝާދް ވިދާޅުވީ، މިއީ ކޯސް ފީ ދައްކަން ދަތި ދަރިވަރުންނަށް ރަނގަޅު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެ ކޮލެޖުން ތައާރަފްކުރި ސްކޮލަޝިޕްތަކާއި، ލޯން ސްކީމްތަކެއް ކަމަށެވެ.

އަދި މި އަހަރު ތެރޭގައި އާ ކޯސްތަކެއް ތައާރަފްކުރާނެ ކަމަށާއި، އޭގެ ތެރޭގައި މާސްޓާސް ކޯހެއްވެސް ހިމެނޭ ކަމަށް ނައުޝާދު ވިދާޅުވިއެވެ.