ރާއްޖޭގެ ޑްރައިވިން ލައިސަންސް އިއްޔެއިން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

މި ލައިސަންސް ބޭނުން ކުރެވޭ ގޮތްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް، އެއް ގައުމުން އަނެއް ގައުމުގައި ލައިސަންސް ބަލައިގަތުމަށް މިދިޔަ މަހު ސޮއިކުރި އެެއްބަސްވުމުގެ ދަށުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގައި އުޅޭ ދިވެހިންނަށް، ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން އެ ގައުމުގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ ކަމަށާއި މެލޭޝިއާގައި ރައްޔިތުންނަށް އެ ގައުމުގެ ލައިސެންސް ބޭނުންކޮށްގެން ރާއްޖޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވޭނެ ކަމަށެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ދިވެހި ޑްރައިވިން ލައިސަންސް ބޭނުންކޮށްގެން އެ ގައުމުގައި މިހާރު ކާރާއި ސައިކަލު ދުއްވޭނެއެވެ.

އެއްބަސްވުމުގެ ދަށުން ހުއްދަވާނީ ދިވެހި ލައިސަންސްގެ A0 އާއި B1 އަދި B2 ކެޓަގަރީގެ އުޅަނދު ފަހަރަށް ދުއްވާށެވެ.

މެލޭޝިއާއަކީ ކިޔެވުމަށާއި ޗުއްޓީ ހޭދަކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.

ހައި ކޮމިޝަނުން ވަނީ ދިވެހިން މެލޭޝިއާގައި ކާރާއި ސައިކަލު ދުއްވާއިރު އެ ގައުމުގެ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށާއި ރައްކާތެރިކަމާ އެކު އުޅަަނދު ދުއްވަން އެދިފައެވެ.