ބޮޑު މުސާރައަކަށް ނުވަ އަތޮޅެއްގައި މަސައްކަތް ކުރާނެ ކޮމިއުނިޓީ އެންގޭޖްމަންޓް ކޯޑިނޭޓަރުން ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން އިއުލާނު ކޮށްފި އެވެ.

އެ މިނިސްޓްރީއިން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި އެ މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލެވިފައިވާ މަޝްރޫޢުގެ ދަށުން ޒޯން 5،4،2 ގެ ނުވަ އަތޮޅަކަށް އެންގޭޖްމަންޓް ކޯޑިނޭޓަރުން ހޯދަމުންދާ ކަމަށެވެ. އެ މަގާމަށް އެމީހުން ހޮވާނީ ކޮންޓްރެކްޓް އުސޫލުން ކަމަށް ވެސް ބުނެފައި ވެއެވެ.

  • އެންގޭޖްމަންޓް ކޯޑިނޭޓަރުން ހޯދަމުންދާ އަތޮޅުތަކަކީ:
  • ފ. އަތޮޅު
  • ބ. އަތޮޅު
  • ރ. އަތޮޅު
  • ނ. އަތޮޅު
  • މ. އަތޮޅު
  • ލ. އަތޮޅު
  • ތ. އަތޮޅު
  • ދ. އަތޮޅު
  • ޅ. އަތޮޅު

އެންވަޔަރަމެންޓް މިނިސްޓްރީއިން ކޮންމެ އަތޮޅަކަށް ހޯދަމުންދަނީ އެއް ކޯޑިނޭޓަރެކެވެ. އެއީ 12 މަސް ދުވަހު މަސައްކަތް ކުރުމަށެވެ.

އެ މީހުނަށް 19000 އާއި 20000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީއިން އިއުލާނުގައި ބުނެފައި ވެއެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ކޯރޑިނޭޓަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އަތޮޅު ފެންވަރާއި ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ނިޒާމް ރާވާ ހިންގުމުގައި ރަށްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން އާންމު ފަރުދުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ދާއިރާއިން ރަށްތަކުންނާއި މިނިސްޓްރީއިން ރާވާ ހިންގާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވުން ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

މަގާމަށް ކުރިމަތިލާ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއި، ތަމްރީން ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތައް އަދި މުޖްތަމައުއަށް ފައިދާވާ ޕްރޮގްރާމްތައް ހިންގާ ރޭވުމުގެ ޤާބިލިއްޔަތުކަން ހުރުމާއި ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓް އަދި ތިމާވެއްޓާބެހޭ ދާރާގައި ހުރި މައްސަލަތަކުގެ އާންމު މަޢުލޫމާތު ލިބިފައިވުމާއި، ދިވެހި އަދި އިނގިރޭސިބަހުން ލިއުމާ މުއާމަލާތް ކުރުމުގެ ޤާބިލިއްޔަތުކަން ހުރުމެވެ.

އެހެންކަމުން އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުރިހާ ލިޔެކިއުންތައް އެންވަޔަރަމެންޓް މިނިސްޓްރީއަށް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައި ވެއެވެ.