އަވަށްޓެރި އިންޑިއާގެ އެހީގައި ހެދި ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް މިއަދު ހުޅުވައިފިއެވެ.

މި މަޝްރޫއަށް އިންޑިއާ އިން ވަނީ 7.5 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ފައިސާ ދީފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު އެސްއެމްޓީ ސުޝްމާ ސްވަރާޖް ރާއްޖެ އަށް 2019 ވަނަ އަހަރުގެ މާޗް މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް ހާއްސަކޮށް ތައުލީމީ، ސިއްހީ އަދި މުޖުތަމައުގެ ތަރައްގީގެ ދާއިރާ އަށް 106 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދޭނެ ކަން އިއުލާން ކުރައްވައިފައެވެ. މި އެހީގެ ދަށުން 18 މަޝްރޫއެއް ހިންގާނެއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް.

ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓަކީ މީގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގައި ކުއްލި ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ޔުނިޓަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ވަނީ ގާއިމުކޮށްފައެވެ.

މިފަދަ ޔުނިޓެއް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ ކަންކޮޅުތަކުން ހޮވާލެވޭ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ގާބިލް ކަން އިތުރަށް ވަރުގަދަ ކުރުން ހިމެނެއެވެ.

އިންޑިއާ ސަފީރު ވާހަކަ ދައްކަވަނީ. ---

މިގޮތުން އަޕްގްރޭޑް ކުރެވިގެންދާ ސިއްހީ ޙިދްމަތްދޭ ތަންތަން ނެޝަނަލް ޑިސާސްޓަރ ރެސްޕޮންސް ޕްލޭން ނެޓްވޯކް އާއި ގުޅާލާ މިފަދަ ތަންތަނުގެ ބޭނުން ރަށުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގެ ރޭވުންތަކުގައި ހިމެނުން ހިމެނެއެވެ.

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ފުރާނައަށް ނުރައްކާވާ ފަދަ ގެއްލުމެއް/ބައްޔެއް ކުރިމަތިވެފައިވާ ބަލި މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ގުޅުމުގެ ސަބަބުން އުމްރާނީ މަޝްރޫޢުތަކާއި، ކުދި އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ތަމްރީނާޢި ގާބިލިއްޔަތު އިތުރު ކުރުން ހިމެނޭ ކަމަށެވެ.

އަދި ކޮވިޑް-19 ވަބާގެ ތެރޭގައި ދެ ގައުމުގެ ގާތް ގުޅުމާއި ބެހޭގޮތުންވެސް ސަފީރު ވާހަކަ ދެއްކެވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ސިއްހީ ދާއިރާ ވަރުގަދަ ކުރުމުގެ އިތުރުން ދެ ގައުމުގެ ރަޙްމަތްތެރި ގުޅުން ވަރުގަދަ ކުރުމުގައި މިގައުމުގައި އިންޑިއާގެ ސިއްޙީ މާހިރުންގެ ދައުރު ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، މި ގައުމުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި ޕެރަމެޑިކްސް ހިމެނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި އިންޑިއާ އާއި ރާއްޖޭގެ ތަރައްގީގެ ގުޅުމަކީ އެތައް ޒަމާނެއްވީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ އެންމެ ވަރުގަދަ ތަނބެވެ. އައިޖީއެމްއެޗަކީ މީގެ އަލިގަދަ ރަމްޒެއް ކަމަށް ހައި ކޮމިޝަނުން ފާހަގަ ކުރެއެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެންމެ ފަހުން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިލުނު ޑްރަގް ޑިޓޮކްސް އަދި ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވާފައިއެވެ.

މީގެއިތުރުންވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން އިންޑިއާއިން ދަނީ ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓަކާއި ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯރތޯޓިކްސް މެނުފެކްޗަރިންގ ވޯކްޝޮޕްއެއްގެ އިތުރުން، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ސެންޓަރ ގާއިމްކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަދި އިންޑިއާ އިން ދަނީ ލ.އަތޮޅުގައި އިންޑިއާގެ އެކްޒިމް ބޭންކްއިން ދޫކުރާ ލައިން އޮފް ކްރެޑިޓްގެ ދަށުން ކެންސަރ ހޮސްޕިޓަލްއެއް ގާއިމްކުރުމުގައިވެސް އެހީތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފު

    ހިލޭ އެހީ އެއްތޯ، ވަކި އިންޓަރެސްޓަކާއެކު އަނބުރާ ދައްކަންޖެހޭ ލޯނެއްތޯ؟

  2. ހަވާސާ ހާދިސާ

    އަވަސްފަރުވާދޭ ޔުނިޓު ހުޅުވަން ވަކިދުވަހެއް، ފަސްޓު އެއިޑު ދޭ ޔުނިޓު ހުޅުވަން ވަކި ދުވަހެއް ލޭޓެސްޓު ކުރާ ކޮޓަރި ހުޅުވަން ރައީސް މީހާ ވަކިދުވަހެއް މިހެލްތު ސެންޓަރ ހުޅުވައި ނިމޭނީ 2023ގެ އިންތިހާބު ނިމުމުންބާ؟