އަވަށްޓެރި އިންޑިއާއަކީ ރާއްޖެ އަށް އަބަދުވެސް މުހިންމު ރަހްމަތްތެރިއެއް ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ސިއްހީ ދާއިރާ އަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަ އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މާލީ އަދި ޓެކްނިކަލީ އެހީތެރިކަން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެ އަށް މެޑިކަލް ސާމާނު ފޯރުކޮށްދިނުމާއި ސިއްހީ ހިދުމަތްތެރިންނަށް ޓްރެއިނިން ޕްރޮގްރާމްތައް ދިނުމުގައި ވެސް އިންޑިއާ އަކީ އެންމެ ކުރީގައި އޮތް ގައުމު." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ އަށް އިންޑިއާ އިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން އިންޑިއާ ރައްޔިތުންނަށް ވިދާޅުވާނެ ބަހެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިންޑިއާ ވެފައި ވަނީ ރާއްޖެ އަށް ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އެންމެ ފުރަތަމަ ވެސް އެހީތެރިވާ ގައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަން ހަމައަކަށް އެޅުވުމުގައި އިންޑިއާގެ އެހީތެރިކަން ލިބިފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ފުރަތަމަ ކޮވިޑް ވެކްސިން ދޭން ފެށުނީ ވެސް އިންޑިއާ އިން ވެކްސިން ފޯރުކޮށްދިނީމައެވެ. އެކަން ރާއްޖޭގައި ފެށުނީ އިންޑިއާގައި ފެށިތާ ދެ ދުވަސް ފަހުން ކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓް.

"މިކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ނަސީމް ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާ އާ އެކުގައި އެކިއެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ސިއްހީ ދާއިރާ އަށް ފައިދާ ލިބިފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ. އަދި ދަރަވަންދޫގައި އެޅި ޔުނިޓަކީ އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓަށް އިންޑިއާ އިން ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ދަރަވަންދޫ ސިއްހީ މަރުކަޒުގައި އަވަސް ފަރުވާދޭ ޔުނިޓެއް ގާއިމްކޮށްފި

އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު އެސްއެމްޓީ ސުޝްމާ ސްވަރާޖް ރާއްޖެ އަށް 2019 ވަނަ އަހަރުގެ މާޗް މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް ހާއްސަކޮށް ތައުލީމީ، ސިއްހީ އަދި މުޖުތަމައުގެ ތަރައްގީގެ ދާއިރާ އަށް 106 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދޭނެ ކަން އިއުލާން ކުރައްވައިފައެވެ. މި އެހީގެ ދަށުން 18 މަޝްރޫއެއް ހިންގާނެއެވެ. ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާދޭ ޔުނިޓަކީ މީގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގައި ކުއްލި ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ޔުނިޓަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ވަނީ ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަވަރނަރު ސިންގު

    "އިންޑިއާ ވެފައި ވަނީ ރާއްޖެ އަށް ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އެންމެ ފުރަތަމަ ވެސް އެހީތެރިވާ ގައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. "
    ނޮވެމްބަރު 3 ގެ ބާގީ ހަމަލާގައި ކެރަފާ އާއިލާ އިން މިގައުމުގެ އެތައް ދިވެހިން މެރި އިރުވެސް އިންޑިޔާގެ އެހީގަ ހުއްޓުވީ. އެހެންވީމަ ނަސީމުގެ ހިތުގަ ރުޅިވެރިކަން އަބަދުވެސް އޮންނާނެ

  2. ސަންތި މަރީގެ ދޮންބެ

    އެދުމެއް ނެތި ވެދުމެއް ނުކުރާނެ އެކަކުވެސް އިންޑިއާއަކީ އެކުވެރިއަކަސް މިގައުމުން އިންޑިއާގެ މިލިޓަރީ ސިފައިން ބާލުވައިދޭން ބުނެބަލަ