ދެ ފޮރޮޅަށް ވުރެ ގިނަ ފޮރޮޅުލީ އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ އުސޫލު ނުވަތަ އާންމުކޮށް ކިޔާ ނަމަ ގަރާޖު ސިޓީ ނިމުމަކަށް ގެންނަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބިލު އަނެއްކާވެސް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޖަރާޖު ސިޓީ އުވާލުމަށް ގޮވާލައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މި ފަހަރުވެސް ހުށަހެޅުއްވީ ކުރިންވެސް އެ ބިލު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ ބިލު މިދިޔަ އަހަރު ކޮމިޓީއިން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން ފާސްވާ ގޮތެއް ނުވިއެވެ.

ނަމަވެސް ނަޝީދު ވަނީ މިދިޔަ ޖޫން މަހު އަނެއްކާވެސް އެ ބިލު ހުށަހަޅުއްވާފައެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން ފެނޭތީޯ ވޯޓު ނެގި އެވެ.

ނަމަވެސް އެ ބިލު ކޮމިޓީއަށް ފޮނުވަން ތާއިދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެކަންޏެވެ. ނުފެންނަ ކަމަށް 36 މެމްބަރުން ވޯޓު ދެއްވި އެވެ.

ބިލުގެ އިބްތިދާއީ ބަހުސްގައި ގަރާޖު ސިޓީ އުވާލަން މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ތާއިދު ކުރެއްވި އެވެ. ނަމަވެސް އިއްޔެ ގާސިމް މަޖިލީހަށް ވަޑައެއް ނުގެންނަވަ އެވެ.

ބިލު ހުށަހެޅުއްވި ނަޝީދު ވިދާޅުވީ ގަރާޖު ސިޓީގެ އުސޫލު މިހާރު އޮންނަ ގޮތުން ގަރާޖުގައި އޮންނަ ޖާގައަށް ވުރެ ގިނަ އުޅަނދު އެއް ގަރާޖަކަށް ރަޖިސްޓްރީކޮށް އޭގެ ނާޖާއިޒު ފައިދާ ގަރާޖުތަކުގެ ވެރިން ނަގަމުންދާ ކަމަށެވެ.

އަދި އެކަން ރަނގަޅަށް މޮނީޓާ ނުކުރެވި އަދި ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވެ އަދި ގަރާޖަކަށް ވެޖިކަލް ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކުލީފަށް ވާތީ ގަރާޖެއްގައި އުޅަނދުތައް ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް ހަދަން ގާނޫނަށް އިސްލާހު ގެނައުމަށް ނަޝީދު ހުށަހެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާބިރާ

    އިންޑިޔާ ފިލްމްސްޓާރ އަކާ ވަރަށް ވައްތަރު ދެން

  2. ހަސަނާ

    ވިސްނަވަ! ހައްގުނޫން ގޮތުގައި ފައިދާހޯދަތީ އެކަން ހުއްޓުވުމަށް މެންބަރަކު މަޖިހަށް ބިލެއްލީމައި ތިބުނާ ޢިއްޒަތްތެރި މެމްބަރުން ޢަމަލު ކުރައްވާގޮތް! ރައްޔިތުންނޭވޭ ހޭއަރާ ވޯޓުހޯދަން ދާ ކޮންމެމީހަކަށް ނުވަތަ ފައިސާފޮއްޗެއް ދިއްކޮށްލާ މީހުންނަށް ވޯޓު ދިނީމައިވާގޮތް!ރައްޔިތުންނޭވޭ ހޭއަރާ ހަމަ މިގައުމު ހަލާކުގެ ތެރެއަށް ވެއްޓެނީ ވިސްނައި ނުލައިދޭ ވޯޓަކުން! ވިސްނުންތެރެި ކަމާއެކު ފުންކޮށް ވިސްނައި ނަތީޖާޒާ ނެރެދީފައިވާ ފަރާތްތަކަށް ވޯޓުދެއްވާ!